Tuesday, 28 July 2026
ރާއްޖެ24

ބަރުބަރީ މިސްކިތް ފެބްރުއަރީ 16ގައި ހުޅުވަނީ

މާލޭގައި އަލަށް ބިނާކުރާ ބަރުބަރީ މިސްކިތް، މި ހިނގާ ފެބްރުއަރީ މަހުގެ 16 ވާ ހޯމަ ދުވަހުގެ އަޞްރު ނަމާދަށް ރަސްމީކޮށް ހުޅުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިއީ ޒަމާނީ ފެންވަރަށް ތަރައްޤީކުރާ، ތިން ބުރީގެ މިސްކިތެކެވެ. މި މިސްކިތް ފުރިހަމަވުމުން އެއްފަހަރާ 1400 މީހުންނަށް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ސަރުކާރުގެ އަމާޒަކީ މާލެ ސިޓީގައި ހުރި ދުވަސްވީ މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު އަޅުކަން ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މިގޮތުން ވިލިމާލޭ މަސްޖިދުއްސަލާމް އާއި މާލޭގެ ޒިކުރާ މިސްކިތުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަހަށްފަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ސްޕޮންސަރ މިހާރު ލިބިފައިވާކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.

ރަމަޟާން މަސް ކައިރިވެފައިވާތީ، މި މިސްކިތްތައް ތަޅާލައިގެން މަސައްކަތް ފެށުން ލަސްކޮށްލީ ރަމަޟާން މަހު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކޮށްފައިކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. މި މަޝްރޫޢުތައް ނިމުމުން މާލެ ސަރަހައްދުގައި ދެން ބާ މިސްކިތެއްގެ ގޮތުގައި ހުންނާނީ ހެންވޭރު އަފީފުއްދީން މިސްކިތް އެކަންޏެވެ. އެ މިސްކިތް މަރާމާތު ކުރުމަށް ބޭނުންވާ އެހީވެސް ހަމަޖެހިގެންދާނެ ކަމަށްވެސް ވަޒީރު ވިދާާޅުވިއެވެ.

މާފަންނު ބޮޑުގެ މިސްކިތުގެ މަސައްކަތްވެސް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާއިރު، އަންނަ އަހަރުގެ ރަމަޟާން މަހަށް އެ މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ރާއްޖޭގައި ހުރި ހިރިގަލުގެ އާސާރީ މިސްކިތްތައް އާސާރީ ތަންތަނުގެ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *