ކުވައިތުގެ ސަރުކާރުން އެކުލަވާލާފައިވާ "ޓެރަރިޒަމް" ލިސްޓުގައި ލުބުނާނުގެ އަމިއްލަ ބައެއް ހޮސްޕިޓަލްތައް ހިމެނުމާ ގުޅިގެން ލުބުނާނުގެ ހެލްތު މިނިސްޓްރީން ބޮޑު ހައިރާންކަމެއް ފާޅުކޮށްފިއެވެ. މި މައްސަލައިގައި ކުވައިތުގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ލުބުނާނުން ބުނެފައިވެއެވެ.
ކުވައިތުގެ ފޮރިން މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގަވާއިދުތަކުގެ ދަށުން ލުބުނާނުގެ އަށް ހޮސްޕިޓަލެއް ލިސްޓުކޮށްފައިވާ ކަމަށެވެ. މި ހޮސްޕިޓަލްތަކަކީ ލުބުނާނުގެ ދެކުނާއި އިރުމަތީގެ ސަރަހައްދުތަކުގެ އިތުރުން ބެއިރޫތުގެ ދެކުނު ސަރަހައްދުގައި ހިމެނޭ ތަންތަނެވެ. މިއީ އީރާނުގެ ތާއީދު އޮންނަ ހިޒްބުالله ޖަމާއަތުގެ ނުފޫޒު ގަދަ ސަރަހައްދުތަކެއް ނަމަވެސް، ކުވައިތުގެ ސާކިއުލާގައި އެ ޖަމާއަތުގެ ނަން ސީދާ ބޭނުންކޮށްފައެއް ނުވެއެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، މި ނިންމުމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ނޯޓިފިކޭޝަނެއް ކުވައިތުގެ އެއްވެސް އިދާރާއަކުން ކުރިން ލިބިފައެއް ނުވެއެވެ.
"މި ލިސްޓުގައި ހިމެނޭ ހޮސްޕިޓަލްތަކަކީ ލުބުނާނުގެ ޕްރައިވެޓް ހޮސްޕިޓަލްތަކުގެ ސިންޑިކޭޓްގައި ރަޖިސްޓްރީކޮށްގެން، އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ލުބުނާނު ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުންދާ ތަންތަން" އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި ހޮސްޕިޓަލްތަކަކީ ލުބުނާނުގެ ސިއްހީ ނިޒާމުގެ މުހިންމު ބައެއްކަން ފާހަގަކޮށް، ހެލްތު މިނިސްޓްރީން ބުނީ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ކަން ހިނގާފައިވާ ގޮތުގެ ސައްހަ މައުލޫމާތު ހުށަހަޅައި، ލުބުނާނުގެ ސިއްހީ ނިޒާމު ހިމާޔަތްކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ލިސްޓުކުރެވުނު އަށް ހޮސްޕިޓަލުގެ ތެރޭގައި ހިޒްބުالله އާ ގުޅުން އޮންނަ އިސްލާމިކް ހެލްތު ކޮމިޓީން ހިންގާ ސަލާހް ޣަންދޫރު ހޮސްޕިޓަލްވެސް ހިމެނެއެވެ.
މި ހޮސްޕިޓަލްތައް ހުރި ސަރަހައްދުތަކަކީ އިޒްރޭލާއި ހިޒްބުالله އާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އިޒްރޭލުން ބޮން އެޅި ސަރަހައްދުތަކެކެވެ. މީގެ ކުރިން އިޒްރޭލުން ވަނީ ބިންތު ޖުބައިލްގައި ހުންނަ ހޮސްޕިޓަލެއް ހިޒްބުاللهގެ ހަނގުރާމަވެރިން ބޭނުންކުރާ ކަމަށް ބުނެ އިންޒާރު ދީފައެވެ. ނަމަވެސް ލުބުނާނުގެ ސަރުކާރުން ވަނީ އެފަދަ ތުހުމަތުތައް ދޮގުކޮށް، ސިއްހީ މަރުކަޒުތަކަށް އަމާޒުކޮށް ދޭ އިންޒާރުތައް ކުށްވެރިކޮށްފައެވެ.


