ސީރިއާއަކީ ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެނެސް، އެ ގައުމުގައި މިހާރު ވެރިކަން ކުރާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތް ރާއްޖޭގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށްފިއެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކޮންމެ އަހަރަކު މުރާޖާކުރަންޖެހޭ މި ލިސްޓަށް ސަރުކާރުން މި ބަދަލު ގެނައީ ގައުމީ ސަލާމަތީ މަޖިލީހުގެ ލަފާގެ މަތިންނެވެ.
އޮކްޓޫބަރު 2019 އިން ފެށިގެން ރާއްޖޭގެ ޓެރަރިސްޓް ލިސްޓުގައި ހިމެނުނު އެޗްޓީއެސް ޖަމާއަތް އެ ލިސްޓުން އުނިކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ނިންމުން ނިންމާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު އެ ޖަމާއަތުން އެ ގައުމުގެ ވެރިކަމާ ހަވާލުވެފައިވަނިކޮށެވެ. މީގެ ކުރިން ނެރުނު ލިސްޓުތަކުގައި އެޗްޓީއެސް ހިމެނޭހެން 20 ޖަމާއަތެއް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައި އޮތެވެ.
ރާއްޖެއިން މި ފިޔަވަޅު އެޅީ ދުނިޔޭގެ ގިނަ ގައުމުތަކަކުން އެޗްޓީއެސް ޖަމާއަތް ބަލައިގަނެ، ޓެރަރިސްޓް ލިސްޓުތަކުން އެ ޖަމާއަތް އުނިކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އެމެރިކާއިންވެސް ވަނީ އެ ޖަމާއަތް ލިސްޓުން އުނިކޮށްފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސީރިއާގެ މިހާރުގެ ރައީސް އަދި އެޗްޓީއެސްގެ ވެރިޔާ އަހްމަދު އައް ޝަރާއާ ވައިޓް ހައުސްގައި ބައްދަލުކުރައްވާފައެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އޮންނަ ގޮތުން، ޓެރަރިސްޓް ލިސްޓުގައި ހިމެނޭ ޖަމާއަތަކަށް ތާއީދުކުރުމާއި ސަރުކާރުގެ ހުއްދަ ނެތި ހަނގުރާމަވެރި ސަރަހައްދުތަކަށް ދަތުރުކުރުމަކީ ބޮޑެތި ޖަލު ހުކުމްތައް އަންނަ ކުށްތަކެވެ. ނަމަވެސް މި ގެނައި ބަދަލާއެކު ސީރިއާއަށް ދަތުރުކުރުން މިހާރު ދިވެހިންނަށް މަނައެއް ނުވާނެއެވެ.


