Tuesday, 28 July 2026

ހައިކޯޓުގެ ފަނޑިޔާރުކަމަށް އަލްއުސްތާޛު ޢަބްދުލްރައޫފާއި އަލްއުސްތާޛު އިސްމާޢީލް ޝަފީޢު އައްޔަނުކުރައްވައިފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ދެ ބޭފުޅަކު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އައްޔަނުކުރައްވައިފިއެވެ.

މި މަޤާމަށް އައްޔަނުކުރައްވާފައިވަނީ މއ. ވޭސައިޑް 410 ފްލެޓް، އަލްއުސްތާޛު ޢަބްދުލްރައޫފު އިބްރާހީމާއި، ހުޅުމާލެ ފްލެޓް ނަންބަރު 01ޖީ-101، އަލްއުސްތާޛު އިސްމާޢީލް ޝަފީޢުއެވެ. މި ދެ ބޭފުޅުން ފަނޑިޔާރުކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސުޕްރީމް ކޯޓުގައެވެ. މި ރަސްމިއްޔާތުގައި ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް އަލުން އައްޔަނުކުރެވުނު އަލްއުސްތާޛު ޢަބްދުލްރައޫފު އިބްރާހީމަކީ މީގެ ކުރިންވެސް 11 އަހަރަށްވުރެ ދިގު މުއްދަތަކަށް އެ ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ރައޫފް ވަނީ ޝަރުޢީ ދާއިރާގައި 16 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. އޭނާ އެންމެ ފަހުން ހުންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީނިއަރ ލީގަލް ކައުންސެލްގެ މަޤާމުގައެވެ. މީގެ އިތުރުން އެޓަރނީ ޖެނެރަލްގެ އޮފީހާއި، އެސްޓީއޯ އަދި ސްޓެލްކޯ ފަދަ މުއައްސަސާތަކުގައިވެސް ޤާނޫނީ އިސް މަޤާމުތައް ފުރުއްވާފައިވެއެވެ.

ދެން މި މަޤާމަށް އައްޔަނުކުރެވުނު އަލްއުސްތާޛު އިސްމާޢީލް ޝަފީޢުއަކީ އިނގިރޭސިވިލާތުގެ ކާރޑިފް ޔުނިވަރސިޓީން ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެވުނުއިރު އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައެވެ. 2021 ވަނަ އަހަރުން ފެށިގެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދެވި އިސްމާޢީލް ޝަފީޢު ވަނީ މީގެ ކުރިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ. އޭނާ ވަނީ ޝަރުޢީ ދާއިރާގައި ހަތް އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

މި ދެ ބޭފުޅުން ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން ނިންމާފައިވަނީ ފެބުރުވަރީ މަހުގެ ދެވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *