ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ޝީޢީ މިސްކިތަކަށް ހުކުރު ނަމާދު ވަގުތު ދިން އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާގައި މަރުވި 32 މީހުންގެ ހަށިތައް ވަޅުލުމަށް ބޭއްވި ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެއެވެ. މި ހަމަލާގައި 32 މީހުން މަރުވުމުގެ އިތުރުން 170 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ހޮނިހިރު ދުވަހު މަރުވި މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށްދާއިރު، ކަމާބެހޭ ފަރާތްތަކުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މިގޮތުން ޕެޝާވަރު ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ހަމަލާދިން މީހާ އުޅުނު ކަމަށް ބެލެވޭ ތަނަކުން ދެ ފިރިހެނުންނާއި އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
އިސްލާމްއާބާދުގެ ބޭރުގައި އޮންނަ ތަރްލައި ކަލާން ސަރަހައްދުގެ ޚަދީޖާ ތުލް ކުބްރާ މިސްކިތަށް ދިން މި ހަމަލާގެ ޒިންމާ އައިއެސް (އައިއެސްއައިއެލް) ޖަމާއަތުން ވަނީ އުފުލާފައެވެ. މިއީ 2008 ވަނަ އަހަރު މެރިއޮޓް ހޮޓަލަށް ދިން ހަމަލާއަށްފަހު އިސްލާމްއާބާދުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.
އަލްޖަޒީރާގެ ރިޕޯޓަރު ކަމާލް ހައިދަރު ބުނި ގޮތުގައި، މިއީ ސަލާމަތީ ބާރުތަކުގެ އިހުމާލެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ސަބަބަކީ ބަލޮޗިސްތާނާއި ޚައިބަރު ޕަޚްތޫންޚުވާގައި އޮޕަރޭޝަންތައް ހިނގަމުންދާތީ، މިފަދަ ހަމަލާއެއް އަތުވެދާނެ ކަމުގެ އިންޒާރު ލިބިފައި އޮތުމެވެ.
އައިއެސް ޖަމާއަތަކީ މުޅި ސަރަހައްދަށް އޮތް ނުރައްކަލެއްކަން ފާހަގަކުރަމުން، ޕާކިސްތާނުން ވަނީ އަވަށްޓެރި ގައުމުތަކުންވެސް މި ނުރައްކަލާ މެދު ސަމާލުވުމަށް ގޮވާލާފައެވެ. މީގެ ކުރިންވެސް އެ ޖަމާއަތުން ވަނީ ޕާކިސްތާނުގެ އިތުރުން ރަޝިޔާ އަދި އީރާނުގައިވެސް ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ.


