Tuesday, 28 July 2026

ވޯޓު ހޯދަން ސަރުކާރުން ދައްކަނީ ހުސް ވާހަކަ، ތަރައްގީގެ މަޝްރޫއެއް ކުރިއަކަށް ނުދޭ: ފައިސަލް

ވޯޓު ހޯދުމުގެ ބޭނުމުގައި ސަރުކާރުން ދައްކަނީ ހުސް ވާހަކަތަކެއް ކަމަށާއި، އަމަލީ ގޮތުން ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. ފައިސަލް މިހެން ވިދާޅުވީ އެމްޑީޕީން އައްޑޫ ސިޓީގައި ބޭއްވި "ހޭވައްލާ ތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ ކޮންމެ އިންތިހާބަކާ ދިމާކޮށް ސަރުކާރުން ތަފާތު ވާހަކަތައް ދައްކާ ކަމަށާއި، މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ވެސް އައްޑޫގައި ހަވާއެރުވުން ފަދަ ކަންކަން ކުރި ކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި ވޯޓު ހޯދުމުގެ ބޭނުމުގައި ކުރާ ކަންކަން ކަމަށާއި، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ފެންނަން އޮތް ތަރައްގީގެ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އައްޑޫ ސިޓީގެ ރަށްތަކަށް ކުރެއްވި ޒިޔާރަތްތަކަށް އަލިއަޅުވާލައްވައި ފައިސަލް ވިދާޅުވީ، އެމްޑީޕީގެ ފަސް އަހަރުގެ ދައުރުގައި ފެށި މަސައްކަތްތައް ފިޔަވައި އައު އެއްވެސް މަޝްރޫއެއް ކުރިއަށްދާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިއީ ހަމައެކަނި އައްޑޫގެ ހާލަތު ނޫން ކަމަށާއި، މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ބަލައިލި ނަމަވެސް ތަރައްގީގެ މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވީ، ވޯޓު ދޭއިރު މި ކަންކަމަށް ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *