ބަންގްލަދޭޝްގައި ނުރައްކާތެރި ނިޕާ ވައިރަސް ޖެހިގެން މީހަކު މަރުވެފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަށަވަރުކޮށްދީފިއެވެ. ނަމަވެސް، މި ބަލި ބައިނަލްއަގުވާމީ ފެންވަރުގައި ފެތުރުމުގެ ފުރުސަތު އަދިވެސް ކުޑަ ކަމަށް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.
ޑަބްލިއުއެޗްއޯއިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، މި ބަލީގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ނައުގާއޯން ޑިސްޓްރިކްޓަށް ނިސްބަތްވާ އުމުރުން 40 އާއި 50 އަހަރާ ދެމެދުގެ އަންހެނެކެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހު ކަމަށާއި، ޓެސްޓުތަކުން އޭނާ ނިޕާ ވައިރަހަށް ޕޮޒިޓިވްވިކަން އެނގުނީ އޭގެ އަނެއް ދުވަހު ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.
މި ބަލިމަޑުކަމާ ގުޅޭގޮތުން ޑަބްލިއުއެޗްއޯއިން ބުނީ، ބަލި ޖެހުނު މީހާއަކީ ދާދި ފަހުން ރޯ ކަދުރު ހަކުރު ބޭނުންކޮށްފައިވާ މީހެއް ކަމަށެވެ. ބަންގްލަދޭޝްގައި 2001 ވަނަ އަހަރުން ފެށިގެން މިހާތަނަށް ނިޕާ ވައިރަހުގެ 348 ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ރޯ ކަދުރު ހަކުރު ބޭނުންކުރުމުގެ ސަބަބުން ބަލިޖެހުނު މީހުންނެވެ.
އިންޑިއާގެ ހުޅަނގު ބެންގާލުން ވެސް މި ބަލީގެ ދެ ކޭސް ފެނުމާ ގުޅިގެން އަވަށްޓެރި ގައުމުތަކުން ސިއްހީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވީ ނަމަވެސް، ޑަބްލިއުއެޗްއޯއިން ބުނީ މި ބަލި ދުނިޔޭގެ ފެންވަރުގައި ފެތުރުމުގެ ނުރައްކާ ކުޑަ ކަމަށެވެ. އަދި މިވަގުތު ދަތުރުފަތުރުކުރުމާއި ވިޔަފާރިކުރުމުގައި އެއްވެސް ހުރަހެއް އެޅުމަށް އެ ޖަމްއިއްޔާއިން ލަފާ ނުދެއެވެ.
ނިޕާ ވައިރަހަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މި ބަލި ޖެހޭ މީހުންގެ ތެރެއިން 40 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މީހުން މަރުވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ. މިހާތަނަށް މި ބައްޔަށް ހާއްސަ ވެކްސިނެއް ނުވަތަ ބޭހެއް އުފެއްދިފައެއް ނުވެއެވެ.
ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިއޭސަސް ވިދާޅުވީ، ނިޕާ ވައިރަހަކީ މަދުން ނޫނީ ނުފެންނަ ނަމަވެސް ވަރަށް ސީރިއަސް ބައްޔެއް ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުން ބަލި ދެނެގަތުމާއި، ޓެސްޓުކުރުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.


