ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާޓް ނެރެފިއެވެ. މި އެލާޓް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް އަދި އދ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ.
މެޓް އޮފީހުން ށ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށެވެ. މި ސަރަހައްދަށް އެލާޓް ނެރުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، އދ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށްވެސް މިއަދު ވަނީ ވައިޓް އެލާޓް ނެރެފައެވެ. މި ސަރަހައްދަށް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން މެންދުރު 12:30 އާ ހަމައަށެވެ. މި ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ވައިގަދަވެފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ. ހާއްސަކޮށް ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކުރެވޭ ސަރަހައްދުތަކުގައި ދަތުރުކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ.


