އެއްފަހަރާ ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދު ކުރެވޭ ޖާގައާ އެކު ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި އެޅުމަށް ބޭނުންވާ ފަންޑު ހަމަޖެހި، އަންނަ ސެޕްޓެމްބަރު މަހު އެ މިސްކިތުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ. ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވައްސާ ދެމެދު އިމާރާތްކުރާ މި މަޝްރޫއު އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
މިނިސްޓަރު ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި މިސްކިތުގެ ބިންގާ އެޅުމަށް ނިންމާފައި ވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. މިސްކިތުގެ ކޮންސެޕްޓް މަސައްކަތް މިހާރު ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ތަފްސީލީ ޑިޒައިން އެކުލަވާލުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ހުޅުމާލޭގައި ބިނާކުރާ މި ބޮޑު މިސްކިތް ނިމޭއިރު އެތަނުގައި ވަގުފު ބިނާތަކާއި، ކޮމާޝަލް ބިލްޑިންގް، ޕާކިން އަދި ގުރުއާން މިއުޒިއަމެއް ހިމެނޭނެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރާނީ ރާއްޖޭގެ އިސްލާމީ ކަންތައްތައް ކުރިއެރުވުމަށެވެ.
"މިއީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ރާއްޖޭގައި ގާއިމު ކުރެވޭ ވަރަށް މުހިންމު އިސްލާމީ މަޝްރޫއަކަށް ވެގެންދާނެ،" ޝަހީމް ވިދާޅުވި އެވެ.
މި މަޝްރޫއަށް ބޭނުންވާ ފަންޑު ހަމަޖެހިފައި ވަނީ ރާއްޖެއިން ބޭރުގެ ހެޔޮ އެދޭ ފަރާތަކުންނެވެ. މިސްކިތުގެ ޑިޒައިން ކުރުމުގެ މަސައްކަތް ކުރަނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ކަމަށާއި، ޑިޒައިނިން ހިމެނޭހެން ހުރިހާ މަރުހަލާއަކަށް ފަންޑުކުރަނީ އެ ފަރާތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިސްކިތުގެ ޖާގަ މުޅިން ކަށަވަރުވާނީ ޑިޒައިން ނިމުމުންނެވެ.
ރާއްޖޭގައި މިހާތަނަށް ހުރި އެންމެ ބޮޑު އިސްލާމީ ބިނާއަކީ މީގެ 41 އަހަރު ކުރިން މާލޭގައި ބިނާކުރި އިސްލާމީ މަރުކަޒެވެ. އެތަނުގައި އެއްފަހަރާ ނަމާދު ކުރެވެނީ 4،500 މީހުންނަށެވެ. އެހެންކަމުން ހުޅުމާލޭގައި އަލަށް ބިނާކުރާ މިސްކިތް ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ޖާގަ ބޮޑު މިސްކިތަށެވެ.


