Tuesday, 28 July 2026

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ، އިންޑިއާގެ ޤާނޫނުހަދާ މަޖިލިސް، ލޮކް ސަބާގެ ރައީސް، އޮނަރަބަލް އޯމް ބިރްލާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲވަނީ، ނިއު ދިއްލީގައި ކުރިއަށްގެންދާ ކޮމަންވެލްތުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ 28ވަނަ ކޮންފަރެންސްގެ އިންތިޒާމުތަކުގެ ފުރިހަމަކަން ފާހަގަކުރައްވައި އެކަމަށް ތަޢުރީފު ކުރައްވާފައެވެ. އަދި، މިފަދަ ކޮންފަރެންސެއް ރާވައި އިންތިޒާމުކުރުމަކީ، ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން ހަރުދަނާ ކުރުމަށް ލޮކް ސަބާއިން ކުރަމުންދާ މުހިންމު މަސައްކަތެއްކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އިންޑިއާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން، މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު ހެދިފައިވާ އެމް.އޯ.ޔޫގެ ދަށުން މަޖިލީހުގެ މުވައްޒަފުންނަށް ލޮކް ސަބާގެ ފަރާތުން ހިންގަމުން ގެންދާ ތަމްރީން ޕްރޮގްރާމްތައް ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު އަބަދުވެސް އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

ލޮކް ސަބާގެ ރައީސް، އޮނަރަބަލް އޯމް ބިރްލާވަނީ، އިންޑިއާއިން ޕާލިމެންޓް ޑިޖިޓަލައިޒްކުރުމުގައި ހޯދާފައިވާ ކުރިއެރުންތަކާއި މުވައްޒަފުން ތަމްރީނުކުރުމުގައި ލޮކްސަބާގެ ޕާލިމެންޓަރީ ރިސާޗް އެންޑް ޓްރޭނިން އިންސްޓިޓިއުޓް ފޯ ޑިމޮކްރަސީސް (ޕްރައިޑް) ގެ ދައުރަށް އަލިއަޅުއްވާލައްވާފައެވެ. އަދި، ޑިޖިޓަލް އިނޮވޭޝަންތަކާއި އެހެނިހެން މުހިންމު ދާއިރާތަކުގެ ތަޖުރިބާ ދިވެހިރާއްޖެއާ ހިއްސާކުރުމަށް އިންޑިއާއިން ތައްޔާރަށް އޮތްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ކަށަވަރުކޮށްދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *