ދިވެހިރާއްޖެ، އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓުގާޑު ގުޅިގެން ކުރިއަށްގެންދާ ތިން ގައުމުގެ ގުޅިފައިވާ ތަމުރީނު ޕްރޮގްރާމް "ދޯސްތީ 17″ މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު މެންދުރު ހޮޓެލް ޖެންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނު ވަނީ، ދޭދޭ ކޯސްޓުގާޑުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މަސައްކަތްތައް ވިލަރެސްކުރުމާއި، އެކުގައި މަސައްކަތްކުރުމުގެ ޤާބިލުކަން ނުވަތަ އިންޓަރ އޮޕަރެބިލިޓީ އިތުރުކުރުމަކީ މިފަދަ ތަމުރީނުތަކުގެ މައިގަނޑު ބޭނުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި މަހުގެ 16 އިން 19 ގެ ނިޔަލަށް ކުރިއަށްދާ މި ތަމުރީނުތަކުގައި ކަނޑުމަތީގެ އެކި ހާދިސާތަކުގައި ހާލުގައިޖެހޭ މީހުން ސަލާމަތްކުރުމާއި، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ އިތުރުން މުވާސަލާތީ ތަމުރީނުތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން ކަނޑު ތަޣައްޔަރުވުމުން ރައްކާތެރިވުމަށް ހިންގާ "މާޕޯލް" ތަމުރީނުތައް ވެސް މި އެކްސަސައިޒްގެ ތެރޭގައި ހިމެނޭނެއެވެ.
"ދޯސްތީ" ސިލްސިލާ ތަމުރީނުތަކަކީ 1991 ވަނަ އަހަރުން ފެށިގެން ރާއްޖެއާއި އިންޑިއާގެ ކޯސްޓުގާޑުގެ މެދުގައި ރަޙުމަތްތެރިކަން އާލާކުރުމަށް ބާއްވަމުން އަންނަ ހަރަކާތެކެވެ. މި ތަމުރީނުތަކުގައި އަވަށްޓެރި ސްރީލަންކާ އިން ބައިވެރިވާން ފަށާފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މި ހަރަކާތުގެ ސަބަބުން ބައިވެރިވާ ގައުމުތަކުގެ ކޯސްޓްގާޑުތަކުގެ ތައްޔާރީ ހާލަތު ވަރުގަދަވެ، ޕްރޮފެޝަނަލް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެއެވެ.


