Wednesday, 29 July 2026

ރާއްޖެ-އިންޑިއާގެ ގުޅުން ދަނީ އާ އުސްމިންތަކަކަށް ދަތުރުކުރަމުން: ސަފީރު

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުން އިގްތިސާދީ ގޮތުންނާއި އެހެނިހެން ދާއިރާތަކުން އާ އުސްމިންތަކަކަށް ދަތުރުކުރަމުންދާ ކަމަށް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބާލަސުބްރަމާނިއަން ރޭ ވިދާޅުވެއްޖެއެވެ. އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތީ ހަމައެކަނި އަވަށްޓެރިކަމުގެ ގުޅުމެއް ނޫން ކަމަށާއި، މިއީ އިތުބާރާއި އިހްތިރާމާއި ގާތް ރަހުމަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ.

ސަފީރުގެ ވާހަކައިގައި، ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އަދި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގްތިސާދުގެ ގޮތުގައި އިންޑިއާ އޮތްއިރު، އެ ކުރިއެރުމުގެ މަންފާ ރާއްޖެ ފަދަ އަވަށްޓެރި ގައުމުތަކަށް ފޯރުކޮށްދިނުމަކީ އިންޑިއާގެ މުހިންމު އަމާޒެއްކަން ހާމަކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށްދާ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކަކީ މި ބަދަހި ގުޅުމުގެ ދިރިހުރި ހެކިތަކެއްކަމަށް ސަފީރު ފާހަގަކުރެއްވިއެވެ. "ރާއްޖޭގެ އުމްރާނީ ތަރައްގީއަށްޓަކައި ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ،" ސަފީރު ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ "ނެއިބާހުޑް ފަސްޓް" ސިޔާސަތުގެ ދަށުން، އަވަށްޓެރި ގައުމުތަކުގެ އިގްތިސާދު ވަރުގަދަކުރުމަށާއި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ސަފީރު ދެއްވިއެވެ. ހާއްސަކޮށް ރާއްޖެއާއި އިންޑިއާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރިފައިވާއިރު، ކުރިއަށް އޮތް ތަނުގައި ތައުލީމީ، ސިއްހީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން އާ ގުޅުންތަކެއް އުފެދިގެންދާނެކަމަށް އޭނާ ލަފާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންވެސް ގެންދަވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް ބޭރުގެ ގައުމުތަކާއެކު އޮންނަ އިގްތިސާދީ ގުޅުންތައް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ދައުލަތުގެ އިސް ވަޒީރުންނާއި، ކުރީގެ ރައީސުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސިޓީތަކުގެ މޭޔަރުންނާއި މަތީ ފަންތީގެ އެކި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *