ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާ ހުރިހާ ދިވެހި ރައްޔިތުންގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން ޖަމާކޮށްދިނުމަށް ކެބިނެޓުން ފާސްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ފަތުރުވެރިކަމުގެ އައު މަޝްރޫއުތަކެއް ފެށުމެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ރިސޯޓުތަކަކީ ހުރިހާ ދިވެހި ރައްޔިތުންގެ ހިއްސާ އޮންނާނެ ތަންތަން ކަމުގައި ހެދުމަށް ވަނީ ނިންމާފައެވެ.
"މިކަމާ މެދު ކެބިނެޓުގައި މަޝްވަރާކޮށް، ސަރުކާރުން ނިންމާފައިވަނީ ސަރުކާރު ކުންފުނި މެދުވެރިކޮށް ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް، ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް، ހަމަހަމަކަމާ އެކު އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކޮންމެ ދިވެހި ރައްޔިތަކީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ހުރިހާ ރިސޯޓުތަކުގެ ހިއްސާދާރެއްގެ ގޮތުގައި ގާނޫނަކުން ކަނޑައަޅައި ހަމަޖައްސާނެ ކަމަށެވެ. މީގެ ސަބަބުން ދިވެހި ރައްޔިތެއްކަމުގެ އައިޑީކާޑު އޮތް ކޮންމެ މީހަކަށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ސީދާ ގޮތެއްގައި މާލީ މަންފާ ލިބިގެންދާނެއެވެ.
މިއީ ރާއްޖޭގެ ތާރީހުގައިވެސް ފަތުރުވެރިކަމުގެ މަންފާ ސީދާ ރައްޔިތުންނަށް މިފަދަ ގޮތަކަށް ބަހާލުމަށް ނިންމި ފުރަތަމަ ފަހަރެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ކޮންމެ ރައްޔިތަކީވެސް ދިވެހި ފަތުރުވެރިކަމުގެ ހިއްސާދާރަކަށް ވެގެންދާނެއެވެ.
ސަރުކާރުގެ އަންދާޒާއަކީ މި އިންވެސްޓްމަންޓްތައް ނިމި، ރިސޯޓުތަކުން ލިބޭ ފައިދާ ރައްޔިތުންގެ އެކައުންޓްތަކަށް ސީދާ ގޮތެއްގައި ޖަމާވާން ފަށާނީ 2030 ވަނަ އަހަރުން ފެށިގެން ކަމަށެވެ.


