ރާއްޖޭގެ މަޝްހޫރު ޑައިވަރު ޝަފްރާޒް ނައީމް ކަނޑުއަޑީގައި ގާއިމްކުރި ގައުމީ ދެ ރެކޯޑެއް މޯލްޑިވްސް ބުކް އޮފް ރެކޯޑްސްގައި ރަސްމީކޮށް ހިމަނައިފި އެވެ. 'އެކްރޮސް މޯލްޑިވްސް 2026′ ހަރަކާތް ކާމިޔާބުކަމާ އެކު ނިންމާލުމަށް ފަހު، މިކަން އިއުލާންކުރީ ވިޒިޓް މޯލްޑިވްސް އާއި ޝަފްރާޒް ގުޅިގެން އިއްޔެ ހުޅުމާލެ ފޭސް 1ގެ ބީޗު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ހަފްލާގައި ޝަފްރާޒަށް ހަނދާނީ ފިލާ އާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ އެވެ.
މޯލްޑިވްސް ބުކް އޮފް ރެކޯޑްސްއިން ރަސްމީކޮށް ބަލައިގަތް ދެ ރެކޯޑަކީ ކަނޑުއަޑީގައި އެންމެ ދުރު ރާސްތާއަކަށް ދަތުރުކުރުމުގެ ރެކޯޑާއި، މެދުނުކެނޑި އެންމެ ދުރު ރާސްތާއަކަށް ފީނުމުގެ ރެކޯޑެވެ. ޝަފްރާޒް ވަނީ ދެ ހަފްތާގެ ތެރޭގައި ޖުމްލަ 335 ކިލޯމީޓަރުގެ ދުރުމިނަކަށް، 55 ޑައިވް ފުރިހަމަކޮށް، 75 ގަޑިއިރަށް ވުރެ ގިނަ ވަގުތު ކަނޑުއަޑީގައި ހޭދަކޮށްފަ އެވެ. އަދި އެއް ސެޝަނެއްގައި 5 ގަޑިއިރާއި 30 މިނެޓަށް ވުރެ ގިނަ ވަގުތު ހޭދަކޮށް، މެދުނުކެނޑި 16.5 ކިލޯމީޓަރަށް ފީނައިގެން އޭނާ ވަނީ އާ ރެކޯޑެއް ގާއިމްކޮށްފަ އެވެ. މީގެ އިތުރުން 2022 ވަނަ އަހަރު އޭނާ ހެދި 50 ގަޑިއިރުގެ ޑައިވިން ރެކޯޑު ވެސް އިއްޔެ ވަނީ ރަސްމީކޮށް ބަލައިގެންފަ އެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަފްރާޒް ނައީމް ވިދާޅުވީ، ތިން ގައުމީ ރެކޯޑެއް ގާއިމްކުރެވުމަކީ ލިބުނު ބޮޑު ފަހުރެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ހަރަކާތުގެ އަސްލު މަގްސަދަކީ ޓެކްނިކަލް ޑައިވިންގެ ދާއިރާއިން ދިވެހިންނަށް ހިތްވަރުދީ، ރާއްޖޭގެ ކަނޑުތަކަކީ ރައްކާތެރިކުރަންޖެހޭ ތަންތަންކަން އާންމުންނަށް ވިސްނައިދިނުމެވެ. ވިޒިޓް މޯލްޑިވްސްގެ ސީއީއޯ ޝިއުރީ ވިދާޅުވީ ޝަފްރާޒްގެ މި މަސައްކަތުން ރާއްޖެއަކީ އެޑްވެންޗާ ޓޫރިޒަމްގެ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްކަން ސާބިތުވެ، ރާއްޖޭގެ ކަނޑުތަކުގެ ރީތިކަން މުޅި ދުނިޔެއަށް އިޝްތިހާރުވެގެން ގޮސްފައިވާ ކަމަށެވެ.
މި ބޮޑު ހަރަކާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމުގައި ދައުލަތުގެ ކުންފުނިތަކާއި އަމިއްލަ އެކި ފަރާތްތަކުން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި އެސްޓީއޯ، އުރީދޫ މޯލްޑިވްސް، އަދި ބިއޯންޑް އެއާލައިންގެ އިތުރުން އެޗު78 ހުޅުމާލެ، އޯޝަން ޖަންކީސް، އަދި ސަދަން ކްރޮސް ސަފާރީ ހިމެނެ އެވެ.


