ކޮންމެ އަހަރަކުވެސް ކެންސަރު ބަލީގެ ޝިކާރައަކަށްވާ އެތައް ބައެއްގެ ފުރާނަ ނަގާލާއިރު، މި ބަލި ޖެހިފައިވާ މީހުންނަށް އެހީވުމަށް ހޭލުންތެރިކަން އިތުރުކޮށް، އެކަމުން ރައްކާތެރިވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅިގެން ރައީސް މުޢިއްޒު ފޮނުއްވި މެސެޖެއްގައި ވަނީ، މި ބައްޔާ ހަނގުރާމަކުރަމުންދާ ބަލިމީހުންގެ ހިތްވަރާއި، އެމީހުންގެ އާއިލާތަކުން ދައްކުވައިދޭ ކެތްތެރިކަން ފާހަގަކުރައްވައި އެފަރާތްތަކަށް އިހުތިރާމް އަދާކުރައްވައިފިއެވެ.
ރައީސްގެ މެސެޖުގައި، ކެންސަރު ބަލީގެ އަސަރުކޮށްފައިވާ ކޮންމެ މީހަކީވެސް ތަފާތު ވާހަކައެއް އޮތް މީހެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގައި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދިއުމަކީ ގިނަ އާއިލާތަކަކަށް ނަފްސާނީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއްކަން ބަޔާންކުރެއްވިއެވެ.
ބަލިން ރައްކާތެރިވުމަށާއި، ބަލި އަވަހަށް ދެނެގަތުމަށާއި، ފަރުވާ ދިނުމުގެ އިތުރުން ޕެލިއޭޓިވް ކެއާ ވަރުގަދަކުރުމަށް "ނޭޝަނަލް ކެންސަރު ކޮންޓްރޯލް ޕްލޭން 2022-2026″ ގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. މީގެ ތެރޭގައި ގައުމީ ކެންސަރު ރެޖިސްޓްރީއެއް އެކުލަވާލުމާއި، ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތްތައް ފުޅާކުރުމާއި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން ބައިނަލްއަގުވާމީ ބައިވެރިންނާއެކު ކުރެވޭ މަސައްކަތްތައް ހިމެނެއެވެ.
މީގެ އިތުރުން، މާލެއިން ބޭރުގައި ދިރިއުޅޭ ބަލިމީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ މަގު ފަހިކުރުމުގެ ގޮތުން، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސިއްހީ ހިދުމަތްތެރިންނާއި ޖަމިއްޔާތަކުން ބަލިމީހުންނަށް އުންމީދާއި ހިތްވަރު ދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ.
މި މުނާސަބަތުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުވެސް ވަނީ އެކަމަނާގެ އެކްސް އެކައުންޓް މެދުވެރިކޮށް ބަލިމީހުންނާއި ސަވައިވަރުންނަށް ހިތްވަރު ދެއްވާފައެވެ. އެކަމަނާ ގޮވާލެއްވީ ކެންސަރު ބަލީގެ ނުފޫޒުން އެއްކިބާވެފައިވާ މުސްތަގުބަލެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށެވެ.
ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ބަލިން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، ފަރުވާގެ ކަންކަމަށް ދުނިޔޭގެ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.


