ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ބަރަހަނާ މަންޒަރުތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ޖެފްރީ އެޕްސްޓީންއާ އެކު ގާތް ގުޅުމެއް ބޭއްވި މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއިގެ މަގާމުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ޑރ. ވަހީދު އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުއްވާފަ އެވެ. މި އިސްތިއުފާ މި އައީ އެޕްސްޓީންއާ އެކު ބޭއްވި ގުޅުންތަކުގެ ތަފްސީލުތައް އާންމުވެ، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އެމަނިކުފާނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ފެންމަތިވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ޑރ. ވަހީދު ނައިބު ރައީސްކަމާއި ރައީސްކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރުގެ އިތުރުން، ވެރިކަން ނިމުނު ފަހުން ވެސް އެޕްސްޓީންއާ ގާތް ގުޅުމެއް ބާއްވައި، ރާއްޖޭގެ ހައްސާސް މައުލޫމާތުތަކެއް އޭނާއާ ހިއްސާކުރައްވާފައިވެ އެވެ. މި މައްސަލައިގައި ގިނަ ބަޔަކު ދިޔައީ އެމަނިކުފާނު މަގާމުން ވަކިކުރުމަށް ނުވަތަ އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.
އެމެރިކާގެ ކަމާބެހޭ އިދާރާތަކުން މިދިޔަ ހުކުރު ދުވަހު އާންމުކުރި ލިޔެކިޔުންތަކާ އެކު އެޕްސްޓީންގެ މައްސަލަ އަލުން ހޫނުވެފައިވާއިރު، އޭނާއަކީ ޖިންސީ ގިނަ ކުށްތަކެއްގެ މައްސަލައިގައި ޖަލަށް ލާފައި ވަނިކޮށް މަރުވި މީހެކެވެ. މި މައްސަލައިގައި ޑރ. ވަހީދަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، މިހާތަނަށް އެމަނިކުފާނުގެ ފަރާތްޕުޅުން މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ވިދާޅުވެފައެއް ނުވެ އެވެ.


