ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ބަރަހަނާ މަންޒަރުތައް ވީޑިއޯކުރުމާއި، ޝައިތާނާއަށް އަޅުކަން ކުރުން ފަދަ މުޑުދާރު އަމަލުތަކެއްގެ ތުހުމަތުގައި ޖަލުގައި އޮއްވާ މަރުވި ބިލިޔަނަރު ޖެފްރީ އެޕްސްޓީންއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލަ ނަފްސުގެ ދިފާއުގައި ވާހަކަ ދައްކަވައިފިއެވެ.
ޓްރަމްޕްގެ 'ޓްރޫތް ސޯޝަލް' މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާއަކީ އެފަދަ މުޑުދާރު އަމަލުތައް ހިންގަވާނެ ބޭފުޅެއް ނޫން ކަމަށާއި، އެޕްސްޓީންގެ އަމިއްލަ ޖަޒީރާ ކަމަށްވާ ލިޓްލް ސެއިންޓް ޖޭމްސްއަށް ދުވަހަކުވެސް ވަޑައިގެންފައި ނުވާނެ ކަމަށެވެ. އަދި މިފަދަ އަމަލުތަކުގައި ބައިވެރިވެފައިވަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިން ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ.
ޓްރަމްޕް މި މޭރުމުން ވާހަކަ ދައްކަވާފައިވަނީ އެޕްސްޓީންގެ ޖަރީމާތަކާ ގުޅޭ އެތައް ހާސް ލިޔެކިޔުންތަކެއް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރުމާ ގުޅިގެންނެވެ. 'އެޕްސްޓީން ފައިލްސް' ގެ ނަމުން ނަންދެވިފައިވާ މި ލިޔެކިޔުންތަކާއި، ފޮޓޯ އަދި ވީޑިއޯތަކުން ހާމަވާގޮތުގައި ޓްރަމްޕަކީ އެޕްސްޓީންގެ ޖިންސީ ޖަރީމާތަކުގައި ވަރަށް ބޮޑަށް ޝާމިލްވެ، އޭނާއާ ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ.
މި ފައިލްތަކުން ހާމަވި ގޮތުގައި ޓްރަމްޕްގެ އިތުރުން އޭނާގެ އަނބިކަނބަލުން މެލޭނިއާ ޓްރަމްޕްވެސް މިފަދަ އަމަލުތަކުގައި ޝާމިލްވެފައިވެއެވެ. މީގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ޖޯޖް ބުޝް އާއި ބިލް ކްލިންޓަންގެ އިތުރުން މަހުޖަނު ބިލް ގޭޓްސް ފަދަ މަޝްހޫރު އެތައް ބޭފުޅުންނެއްގެ ނަންތައް މި ލިޔެކިޔުންތަކުން ވަނީ ބޭޒާރުވެފައެވެ.
މި މައްސަލައިގައި ހަމައެކަނި އެމެރިކާގެ ވެރިންނެއް ނޫނެވެ. ގަލްފުގެ ބައެއް ގައުމުތަކުގެ އިސްވެރިންނާއި، ނޯވޭގެ ކްރައުން ޕްރިންސެސް ފަދަ ޔޫރަޕްގެ ޝާހީ އާއިލާތަކުގެ ބޭފުޅުންވެސް އެޕްސްޓީންއާ އެކު ޖިންސީ އަދި މާލީ މުއާމަލާތްތައް ހިންގާފައިވާކަން ވަނީ ހާމަވެފައެވެ.
މި ހާމަވުންތަކާ ގުޅިގެން މުހައްލިލުން ވިދާޅުވަނީ، މިއީ އިންސާނީ ހައްގުތަކާއި ކުޑަކުދިންގެ ހައްގުތަކުގެ ނަމުގައި ހުޅަނގުގެ ލީޑަރުން ގެންގުޅޭ މުނާފިގުކަން ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ނަސޭހަތްތެރިވާ ލީޑަރުންގެ އަސްލު ސޫރަ މި ފައިލްތަކުން ފެނިގެން ގޮސްފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.


