Wednesday, 29 July 2026

މަތީ ތައުލީމުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް "ކުރި" ނިޒާމު އިފްތިތާހުކޮށްފި

 

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކުލަވާލާފައިވާ "ކުރި" ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ނިޒާމު އިފްތިތާހުކޮށްދެއްވީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދެވެ. މިއީ މަތީ ތައުލީމީ ދާއިރާގެ ހިންގުން ޒަމާނީކޮށް، ދަރިވަރުންނާއި ބެލެނިވެރިންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

މި ނިޒާމަކީ ތައުލީމީ ދާއިރާގައި ކުރެވޭ މަސައްކަތްތައް ޒިންމާދާރުކަމާއެކު ކުރިއަށްގެންދިއުމަށާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް އަވަސް އަދި އިތުބާރުހުރި ނިޒާމެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ. މި ނިޒާމު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި، ދަރިވަރުން މެދުވެރިކޮށް މި ސިސްޓަމް ބޭނުންކުރާނެ ގޮތުގެ އަމަލީ ދައްކާލުމެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ނިޒާމުގެ ސަބަބުން ދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގައި ވެސް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މި ނިޒާމާ ގުޅޭގޮތުން މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށްވާ އިޔާން ޝަރީފް ބުނީ، މިއީ ރާއްޖެއިން ބޭރުގައި ތިބޭ ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ. "ކުރިން ގިނަ ރިކުއެސްޓްތައް ކުރަން މިޖެހެނީ އީމެއިލްގެ ޒަރިއްޔާއިން. އަޅުގަނޑުމެންނަކީ ރާއްޖެއިން ބޭރުގައި ތިބޭ ބަޔަކަށް ވުމާއިއެކު މިނިސްޓްރީއަށް ގޮސް މައުލޫމާތު އޮޅުންފިލުވުމަކީ އުނގަނދޫކަމެއް،" އިޔާން ފާހަގަކުރިއެވެ. އޭނާ އިތުރަށް ބުނީ ލޯނު ޕޭމެންޓްތައް ފަދަ ކަންކަން މިހާރު ހުރި ސްޓޭޖް އެއްތަނަކުން ބަލާލެވުމަކީ ވަގުތު ސަލާމަތްވެ، ދެފުށް ފެންނަ ގޮތަށް ކަންކަން ހިނގާނެ ކަމެއް ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ދަރިވަރުންގެ ބޭނުންތަކަށް އިސްކަންދީ، ހަލުވިކަމާއެކު ތައުލީމީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. "ކުރި" ނިޒާމުގެ ސަބަބުން މީގެ ކުރިން ދަރިވަރުން އުފުލަންޖެހުނު ގިނަ ތަކުލީފުތަކަކަށް ހައްލު ލިބިގެންދާނެއެވެ. މިއީ މަތީ ތައުލީމީ ވުޒާރާގެ ހިންގުން ޑިޖިޓަލް ޒަމާނަކަށް ބަދަލުކޮށް، ދަރިވަރުންނާ ގާތުން ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފުކުރި ނިޒާމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *