Tuesday, 28 July 2026
ފޮޓޯ: އަލްޖަޒީރާ

އެޕްސްޓީންގެ މައްސަލައިގައި ބިލް ކްލިންޓަން އާއި ހިލަރީ ކްލިންޓަން ބަޔާންދެނީ

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން، ޖެފްރީ އެޕްސްޓީންއާ ގުޅޭގޮތުން ކުރިއަށްދާ ކޮންގްރެޝަނަލް ތަހުގީގެއްގައި ހާޒިރުވެ ބަޔާން ދެއްވުމަށް ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ ކުރީގެ ރައީސްގެ ތަރުޖަމާނެވެ.

ކްލިންޓަންގެ ދެމަފިރިން މިގޮތަށް ނިންމެވީ، ކޮންގްރެސްގެ ސަބްޕީނާއަށް އަމަލުކުރަން ދެކޮޅު ހެއްދެވުމާ ގުޅިގެން، ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން އެ ދެމަފިރިންގެ މައްޗަށް 'ކޮންޓެމްޕްޓް' ނުވަތަ މަޖިލީހުގެ އިހުތިރާމް ކުޑަކުރުގެ ދައުވާ އުފުލުމަށް ވޯޓަށް އަހަން ތައްޔާރުވަމުން ދަނިކޮށެވެ. މިފަދަ ދައުވާއެއް އުފުލައިފިނަމަ ޖިނާއީ ދައުވާތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އޮވެއެވެ.

ކްލިންޓަންގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް އެންޖެލް އުރޭނާ ސޯޝަލް މީޑިއާގައި ވިދާޅުވީ، ކުރީގެ ރައީސް އާއި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް އެތަނަށް ހާޒިރުވާނެ ކަމަށެވެ. އަދި އެބޭފުޅުން ބޭނުންފުޅުވަނީ އެންމެންގެ މައްޗަށް ހަމަހަމަކޮށް ހިނގާނެ އުސޫލެއް ގާއިމުކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ހައުސް އޯވަސައިޓް ކޮމިޓީން ވަނީ ކްލިންޓަންގެ ދެމަފިރިން ގާނޫނީ އަމުރަށް ގޮންޖަހައި، ހާއްސަ އިނާޔަތްތަކަކަށް އެދިވަޑައިގެން ތަހުގީގަށް ފިލަން އުޅޭ ކަމަށް ތުހުމަތުކޮށްފައެވެ.

"ކްލިންޓަންގެ ދެމަފިރިންނަކީ ގާނޫނަށްވުރެ މަތީގައި ތިއްބެވި ބައެއް ނޫން،" ކަމަށް އެ ކޮމިޓީން ބުނެފައިވެއެވެ.

ކްލިންޓަންގެ ދެމަފިރިން މީގެ ކުރިން ވިދާޅުވެފައިވަނީ ތަހުގީގަށް އެއްބާރުލުން ދޭން ތައްޔާރު ކަމަށެވެ. ނަމަވެސް އަމިއްލަފުޅަށް ހާޒިރުވާން ދެކޮޅު ހެއްދެވީ، އެއީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިމާޔަތް ކުރުމަށް ސިޔާސީ މަގްސަދެއްގައި ކުރިއަށްގެންދާ ތަހުގީގެއް ކަމަށް ތުހުމަތު ކުރައްވަމުންނެވެ. ޓްރަމްޕަކީ ވެސް އެޕްސްޓީންގެ ގާތް އެކުވެރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޭފުޅެކެވެ.

ހައުސްގެ ރިޕަބްލިކަން ސްޕީކަރު މައިކް ޖޯންސަން ވަނީ ކްލިންޓަންގެ ދެމަފިރިންގެ މި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. ނަމަވެސް، މަޖިލީހުން ނަގަން އުޅުނު 'ކޮންޓެމްޕްޓް' ވޯޓު ކުރިއަށް ނުގެންގޮސް ހުއްޓާލާނެ ކަމެއް އޭނާ ސީދާ ވިދާޅެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *