ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ދެމެދު ދިގު މުއްދަތެއް އޮތުމަކީ އާ ގާނޫނުއަސާސީ އެކުލަވާލިއިރު އޮތް ވިސްނުމެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ގާނޫނުއަސާސީގައި ކުރިން ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރެވުނު ނަމަ، ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވާތާ ދެތިން މަސް ތެރޭގައި މަޖިލިސް އިންތިހާބު ބޭއްވުނީސް ކަމަށެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން އުޝާމް ވިދާޅުވީ، މިހާރު އޮންނަ ހަ މަސް ދުވަހުގެ މުއްދަތަކީ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތެއް ކަމަށް ދެކެވޭ ވާހަކައަށް ތާއިދު ނުކުރައްވާ ކަމަށެވެ.
"އެއްވެސް އިރަކު ވިސްނުމެއް ނޫނޭ ދެ އިންތިހާބު ދުރުކުރުމަކީ. އެހެންކަމުން މި އިސްލާހު މިގޮތަށް ގެނައުމަކީ ފައިދާތަކެއްވާނެ ކަމެއް،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އުޝާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސަކު އިންތިހާބުވާތާ ފުރަތަމަ ހަ މަސް ދުވަހަކީ އެ ބޭފުޅެއްގެ މަސައްކަތް ވަޒަންކުރެވޭނެ ނުވަތަ ސިޔާސަތުތަކުން ނަތީޖާ ފެންނާނެ މުއްދަތެއް ނޫނެވެ. އަދި ގާނޫނުއަސާސީގެ 296 ވަނަ މާއްދާގައިވާ ގޮތުން ފުރަތަމަ މަޖިލިސް އިންތިހާބު މާޗް މަހުގެ ކުރިން ބާއްވަން އޮތް ނަމަވެސް އެގޮތަށް އަމަލު ނުކުރެވުމުގެ ސަބަބުން މިހާރު އޮތް މުއްދަތުތަކަށް ބަދަލު އައީ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބަދަލު ގާނޫނުއަސާސީއަށް ގެނައުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ އެވެ. ސަރުކާރުން ރާވާފައިވަނީ އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މި ކަމާ ގުޅޭ ރައްޔިތުންގެ އާންމު ވޯޓު ކުރިއަށް ގެންދިއުމަށެވެ.


