އިންޑިއާ ސަރުކާރުން އިއްޔެ ހުށަހެޅި 2026-2027 ވަނަ އަހަރުގެ ބަޖެޓުގައި، އެހީގެ ގޮތުގައި ރާއްޖެއަށް 69 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ) ދިނުމަށް ކަނޑައަޅައިފިއެވެ. މިއީ ނިމިދިޔަ 2025-2026 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ރާއްޖެއަށް އެހީގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދެވެ. މީގެއިން ދޭހަވަނީ ރާއްޖެއަށް ދޭ އެހީގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އިންޑިއާ ސަރުކާރުން އިސްކަންދޭ ކަމެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން އެކި ގައުމުތަކަށް އެހީވުމަށް ޖުމްލަ 25 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު އެހީއެއް ކަނޑައަޅާފައިވަނީ ބޫޓާނަށެވެ. ދެވަނައަށް އެންމެ ގިނަ އެހީ ނޭޕާލަށް ދިނުމަށް ނިންމާފައިވާއިރު، ރާއްޖެއާއި މޮރިޝަސްއަށް ކަނޑައަޅާފައިވަނީ އެއްވަރެއްގެ ބަޖެޓެކެވެ. ނަމަވެސް، އަވަށްޓެރި ބަންގްލަދޭޝްއަށް ކަނޑައެޅި ބަޖެޓު ވަނީ ކުރީ އަހަރާ އަޅާބަލާއިރު ދެބައިކުޅަ އެއްބަޔަށް ކުޑަކޮށް، 6.5 މިލިއަން ޑޮލަރަށް ތިރިކޮށްފައެވެ.
ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަސްވަރު ދެ ގައުމުގެ ގުޅުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައި ނަމަވެސް، ފަހަކަށް އައިސް އެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވާން ފަށާފައެވެ. ހާއްސަކޮށް ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކަށްފަހު، ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރު ވަރުގަދަވެ، އެކި ދާއިރާތަކުން އެއްބާރުލުން ދިނުން ވަނީ އިތުރުވެފައެވެ.
ދެ ގައުމުގެ ގުޅުން ބަދަހިވަމުންދާކަމުގެ ހެއްކެއްގެ ގޮތުން، ރައީސް މުއިއްޒު ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ރަސްމީ ދަތުރުފުޅުތައް ކުރައްވާފައިވާކަން ފާހަގަކުރެވެއެވެ. ހަމައެއާއެކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާފައެވެ.


