Tuesday, 28 July 2026

ފިޠުރު ޒަކާތް ދެއްކުމަށް ޒަކާތު ހައުސްއިން ޚާއްސަ ޑިޖިޓަލް ޕޯޓަލެއް ތައާރަފްކޮށްފި

ކުރިއަށް އޮތް ރަމަޟާން މަހު އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކުމުގެ ކަންކަން އިތުރަށް ފަސޭހަކޮށްދިނުމަށްޓަކައި މޯލްޑިވްސް ޒަކާތު ހައުސްއިން "ފިޠުރު ޕޯޓަލް" ގެ ނަމުގައި ޚާއްސަ ޑިޖިޓަލް ޕޯޓަލެއް މިއަދު އިފްތިތާހުކޮށްފިއެވެ. މިއީ ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އެއް އުސޫލަކުން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ޕޯޓަލް މެދުވެރިކޮށް، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ހުރިހާ މުއާމަލާތްތައް ވަގުތުން ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، މިހާރުވެސް ބޭނުންކުރަމުންދާ އެކި އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިޠުރު ޒަކާތުގެ ސައްހަ ޖުމުލަ ޢަދަދުތައް ކޮންމެ ދުވަހަކުވެސް މި ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ.

ޒަކާތު ހައުސްއިން ފާހަގަކުރި ގޮތުގައި، ހުރިހާ މައުލޫމާތެއް ވަގުތުން ބަލައިލެވުމުގެ ސަބަބުން ރަމަޟާން މަސް ނިމުމާއެކު ލަސްނުކޮށް، ފިޠުރު ޒަކާތް ލިބުން ހައްގުވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ޒަކާތް ބެހުމަށް ބޮޑު މަގުފަހިކަމެއް ލިބިގެންދާނެއެވެ. މީގެ ސަބަބުން ޒަކާތް ބެހުމުގެ އިދާރީ މަސައްކަތްތަކަށް ހޭދަވާ ވަގުތު ކުޑަވެ، ނިޒާމުގެ ދެފުށް ފެންނަ މިންވަރު އިތުރުވެގެންދާނެއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ދުވަސްވަރުން ފެށިގެން އޮންލައިންކޮށް ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން އުރީދޫގެ އެމްފައިސާ، ދިރާގު ޕޭ، އަދި ފަހިޕޭ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް މިހާރުވެސް އަންނަނީ ފަސޭހަކަމާއެކު ޒަކާތް ބަލައިގަންނަމުންނެވެ. އަލަށް ތައާރަފްކުރި ޕޯޓަލާއެކު މި ނިޒާމު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *