Tuesday, 28 July 2026

ހުޅުމާލޭ ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ޗަނބޭލީ މަގުގައި ހުރި ގުދަނެއްގެ ބޭރުގައި ހުރި ކުނިތަކެއްގައި ރޭ މެންދަމު ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގައި ދިރިއުޅޭ 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ލޮޓް ނަންބަރު 11154 ގޭގައި ހުރި ގުދަނެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް، ގުދަނުގެ އެތެރެއަށް އަލިފާން ފެތުރުމުގެ ސަބަބުން އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާއާ ގުޅިގެން މުޅި އިމާރާތުން ކަރަންޓުގެ ހިދުމަތް ވަނީ އެއްކޮށް މެދުކެނޑިފައެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހަ ފަންގިފިލާގެ އެ އިމާރާތުގެ ކަރަންޓު ޕެނަލް ހަލާކުވުމުގެ ސަބަބުން ދިރިއުޅެން ދަތިވެފައިވާ ކަމަށެވެ. އެހެންކަމުން އެ އިމާރާތުގެ ދެ އެޕާޓްމަންޓެއްގައި ދިރިއުޅޭ 21 މީހުންނަށް މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައެވެ.

މިއީ ފާއިތުވި މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުޅުމާލޭގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ވެސް 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހުނު އިރު، އެ ޓަވަރަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު ދަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *