Tuesday, 28 July 2026

ތިލަފުށީގައި ބަންގްލަދޭޝް މީހާ މަރުވީ އެކްސްކެވޭޓަރުގެ ދަތްގަނޑުން ޖެހި، ކުނިތަކުގެ ދަށުވެގެން: ފުލުހުން

ތިލަފުށީ ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މުހިންމު ތަފްސީލުތަކެއް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ހާމަކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި އަމީން މިއާ ނިޔާވުމަށް މެދުވެރިވީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ކުނިގަނޑެއްގެ ތެރޭގައި އެކްސްކެވޭޓަރަކުން މަސައްކަތް ކުރަމުން ދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި ކުނިތަކުގެ ދަށުވުމުގެ ސަބަބުންނެވެ.

މި ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާގެ ގައިގައި ޖެހި އޭނާ ވެއްޓުނު ނަމަވެސް، އެކްސްކެވޭޓަރު ދުއްވަން އިން މީހާ މަސައްކަތް މެދުކަނޑާލުމެއް ނެތި ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން ކުނިތައް އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އަމީން މިއާގެ ހަށިގަނޑުގެ މައްޗަށް ގިނަ އަދަދެއްގެ ކުނި އެޅިފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެކްސްކެވޭޓަރު އޮޕަރޭޓް ކުރަން އިން މީހާ ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ސްރީލަންކާ ފިރިހެނެކެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ވަކުރިއަށްދާ ކަމަށާއި، އިތުރު ކުރިއެރުންތައް ލިބެމުންދާ މިންވަރަކުން އާންމުންނަށް މައުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށެވެ.

މީގެ އިތުރުން، މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ފަތުރާއިރު ރަސްމީ އިދާރާތަކުން ހާމަކުރާ ހޯދުންތަކަށް ބަރޯސާވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އާންމުންގެ މެދުގައި ކުށްހީ އުފެދޭ ފަދަ ނުވަތަ ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުފެތުރުމަށް ވެސް ފުލުހުންގެ އިދާރާއިން ވަނީ އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *