މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، ގުރުއަތުން ލިބޭ ޕްލޮޓް ނަންބަރު އެ ފަރާތަކަށް އެސްއެމްއެސްގެ ޒަރިއްޔާއިންވެސް އަންގަމުންދާނެއެވެ. އަދި ގުރުއަތުލުމުގެ ހުރިހާ މަރުހަލާއެއް ނިމުމުން، ގޯތިތައް ހަވާލުކުރުމާއި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން ރަޖިސްޓަރީގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތުގެ ތަފްސީލު ފަހުގެ ތާރީޚެއްގައި އިއުލާން ކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން އަލުން ގުރުއަތުލުން ބޭއްވުމަށް ނިންމާފައިވާއިރު، އަލަށް އެކުލަވާލި ޕްލޭންގައި ޖުމްލަ 4،072 ގޯތި ހިމަނާފައިވެއެވެ. މީގެ ތެރޭގައި ކުރިން ލޭންޑް ޔޫސް ޕްލޭންގައި މަދުވި 610 ގޯތިވެސް މިހާރު ވަނީ ހިމަނާފައެވެ. މި ބަދަލާއެކު ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ބިން ކަށަވަރުވެގެންދާނެއެވެ.
މި މަޝްރޫއުގެ ދަށުން ގިރާވަރުފަޅުން އިތުރަށް ހިއްކަން ޖެހޭ ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް އިއްޔެއިން ފެށިގެން ވަނީ ފަށާފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ވީހާވެސް އަވަހަކަށް ބިން ހިއްކުމުގެ މަސައްކަތް ނިންމައި، ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމަށެވެ.


