ކ. ތިލަފުށީގެ ވޯކް ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އޭނާ މަރުވެފައި އޮއްވާ މިރޭ ފެނިއްޖެއެވެ. މި ހާދިސާގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއްކަން ވަނީ ކަށަވަރުވެފައެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ތިލަފުށީ ސައިޓެއްގައި މަސައްކަތްކުރާ މި މީހާ ގެއްލިފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ނަމަވެސް، އޭނާ ގެއްލިގެން ހޯދުމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނުނުކަން ފުލުހުން މިރޭ ކަށަވަރުކޮށްދިން ނަމަވެސް، އޭނާ ފެނުނު ސީދާ ސަރަހައްދެއް އަދި ހާމައެއް ނުކުރެއެވެ. އަދި މި މަރުގެ ހާދިސާއާ ގުޅިގެން މިހާތަނަށް ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


