Tuesday, 28 July 2026

ލޯކަލް ކައުންސިލް އިންތިހާބަށް ފޯމު ހުށަހަޅާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހެޅުމަށް ދީފައިވާ ވަގުތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިތުރުކޮށްފި އެވެ. މި ބަދަލާ އެކު، ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ފޯމު ބަލައިގަންނާނީ ހެނދުނު 8:30 އިން ހަވީރު 5:30 އަށެވެ. އަދި ހުކުރު ދުވަސްތަކުގައި މެންދުރުފަހު 3:30 އިން ރޭގަނޑު 8:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ކުރިން އޮތް ގޮތުން ނަމަ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ފޯމު ބަލައިގަންނަނީ މެންދުރުފަހު 3:30 އާ ހަމައަށެވެ. އީސީން މި ވަގުތު އިތުރުކޮށްފައި މިވަނީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން އެންމެ ހަތަރު ދުވަހަށް ވެފައި ވަނިކޮށެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ ފުރަތަމަ ދުވަހެވެ.

ފޯމު ހުށަހަޅާ ވަގުތު އިތުރުކުރަން އީސީން ނިންމިއިރު، އިދިކޮޅު އެމްޑީޕީން ވަނީ ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފަ އެވެ. އެ ޕާޓީން ބުނާ ގޮތުގައި އިންތިހާބަށް ކުރިމަތިލާން ދީފައިވާ މުއްދަތަކީ ކުށުގެ ރެކޯޑް ސާފުކުރުން ފަދަ އިދާރީ ކަންކަން ފުރިހަމަކުރުމަށް ބަލާއިރު ވަރަށް ކުރު މުއްދަތެކެވެ. ރެކޯޑް ސާފުކުރުމުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ލަސްވަމުންދާތީ ކެންޑިޑޭޓުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެމްޑީޕީން ފާހަގަކުރެ އެވެ.

އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު އަބްދުﷲ ވަހީދު ވިދާޅުވީ، ކަރެކްޝަނަލް ސާވިސް އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ރެކޯޑް ސާފުކުރަން ތިން ދުވަހާއި ފަސް ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވާ ކަމަށެވެ. އެހެންކަމުން، އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް އެ އިދާރާތަކުން ފުރިހަމައަށް ވެފައި ނެތް ކަމަށް ތުހުމަތުކޮށް، ފޯމު ހުށަހަޅަން އިތުރު 10 ދުވަސް ދިނުމަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *