Tuesday, 28 July 2026

އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މާލޭގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި

އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްބާއްވައިފިއެވެ. ސޯޝަލް ސެންޓަރުގައި  ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލެވެ.

މި ހަފްލާގައި ސަރުކާރުގެ އިސް ވަޒީރުންނާއި، ދައުލަތުގެ އިސް ބޭފުޅުންނާއި، ޑިޕްލޮމެޓިކް ކޯގެ މަންދޫބުންގެ އިތުރުން އަމިއްލަ ސެކްޓަރުގެ އިސް ފަރާތްތައް ހިމެނޭހެން 500 އަށްވުރެ ގިނަ މެހެމާނުން ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާގެ ހައިކޮމިޝަނަރު ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖެއާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާއިން ދޭ އަހަންމިއްޔަތު ހާމަކުރައްވާފައެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލުގެ ވާހަކަފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ދާދިފަހުން ހުޅުވުނު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ދެ ގައުމުގެ އެއްބާރުލުމުން ހާސިލްކުރެވުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މުނާސަބަތާ ގުޅުވައިގެން، ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ފޮޓޯ މައުރަޒެއް ވެސް ވަނީ އިފްތިތާހުކޮށްފައެވެ. މި މައުރަޒުގައި ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުމާއި، މުހިންމު ބައްދަލުވުންތަކާއި، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސުލްހައާއި ތަރައްގީއަށް ކުރެވިފައިވާ މަސައްކަތްތައް ދައްކުވައިދީފައިވެއެވެ.

މި ހަފްލާގެ ތެރެއިން އިންޑިއާގެ ސަގާފީ 'ގައްވާލީ' ގްރޫޕެއްގެ ހުށަހެޅުންތަކެއް ފެނިގެންދިޔައިރު، އިންޑިއާގެ އެކި ސަރަހައްދުތަކުގެ ރަހަތައް ހިމެނޭ ހާއްސަ ކެއުމެއްވެސް މެހެމާނުންނަށް ވަނީ އަރުވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *