Tuesday, 28 July 2026
ފޮޓޯ: ނިއުސްވީކް

ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ، އެކަމަކު ހާލަތު މޮނީޓާކުރަން: އެޗްޕީއޭ

އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ނިޕާ ވައިރަސް ފެތުރެމުންދާތީ، އެ ބަލީގެ ހާލަތު ވަރަށް ގާތުން މޮނީޓާކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، މިވަގުތު ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ކުޑަ ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަލީގެ ހާލަތު ބަލަމުންދާ ކަމަށާއި، މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭސްއެއް ފެނިފައި ނުވާ ކަމަށެވެ.

އިންޑިއާގެ ކެރެލާ ސްޓޭޓުން މި މަހު ތިން މީހަކު ނިޕާ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، އެ ގައުމުގެ ވެސްޓް ބެންގޯލް ސަރަހައްދުގައި ވެސް މި ބަލި އަންނަނީ ފެތުރެމުންނެވެ. އެހެންކަމުން، އެ ސަރަހައްދުތަކަށް ދަތުރުކުރާ ދިވެހިން ބައްޔަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓުވި 180 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ދެނެގަނެވި ކަރަންޓީނުކުރެވިފަ އެވެ.

ނިޕާ ވައިރަހަކީ ވާލާއި އޫރުގެ ފަރާތުން އިންސާނުންގެ ގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. މި ބަލި އާންމުކޮށް ފެތުރެނީ ވާ ކައިފައި ހުންނަ މޭވާ ނުވަތަ ވާލުގެ ކުޅާއި ކުޑަކަމުދާ ތަކެތި ޖެހިފައި ހުންނަ ތަކެތި ބޭނުންކުރުމުންނެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، ކެއްސުން، އަދި ނޭވާލާން އުނދަގޫވުން ހިމެނެ އެވެ. ބަލި ބޮޑުވާ ހާލަތްތަކުގައި ސިކުނޑިއަށް އަސަރުކޮށް ފިޓްޖެހުން ފަދަ ކަންކަން މެދުވެރިވާކަމަށް އެޗްޕީއޭ އިން ފާހަގަކުރެ އެވެ.

މި ބައްޔަށް ވަކި ހާއްސަ ފަރުވާއެއް ނެތް ނަމަވެސް، އަލާމާތްތަކަށް ފަރުވާ ދެވޭނެ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. އެޗްޕީއޭ އިން އިތުރަށް ބުނީ، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ސިއްހީ ހިދުމަތްދޭ ތަންތަނާ ގުޅިގެން އަޅަމުންދާނެ ކަމަށެވެ. އަދި އިންޑިއާގެ ކެރެލާ އާއި ވެސްޓް ބެންގޯލްގައި މި ބަލި "އެންޑެމިކް" ނުވަތަ އާންމު ހާލަތެއްގައިވާ ކަމަށް އެ ގައުމުގެ ފަންނީ އިދާރާތަކުން މިހާރު ވަނީ އިންޒާރު ދީފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *