Tuesday, 28 July 2026

’އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އިންވެސްޓްމެންޓް ކަމަށްވާ ’އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. މިއީ ރާއްޖޭގެ ސްޕެޝަލް އިކޮނިމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫޢެވެ. ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ޖުމްލަ 790 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިޔަން ރުފިޔާގެ ބިޔަ އިންވެސްޓްމެންޓެކެވެ.

މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޕްރޮޖެކްޓް ކުރިއަށްދާ ސަރަޙައްދު ލޯންޗުކޮޅުގައި ބައްލަވާލައްވާފައެވެ. މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ މާރިޗު މަހު ފަށައި މިހާރު ވަނީ ނިންމާލާފައެވެ. މިހާރު ކުރިއަށްދަނީ ހިއްކާފައިވާ ރަށްތައް ވަށައިގެން ބޮޑުހިލަ ޖެހުމުގެ މަސައްކަތެވެ. ސަރުކާރުން މި މަޝްރޫޢުގެ ހުއްދަ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

މި ޓައުންޝިޕް ތަރައްޤީކުރަނީ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އެގޮތުން ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ޓޫރިޒަމް ސްކޫލެއް މި ސަރަޙައްދުގައި ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަކަލްޗަރ އަދި މެރިކަލްޗަރ ޒޯނެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށްގެންދާ މި މަޝްރޫޢުގައި ބޭނުންކުރާ ކަރަންޓުގެ 60 އިންސައްތަ އުފައްދާނީ އިޔާދަކުރަނިވި ހަކަތައިންނެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢު ނިމުމުން މިއީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭނެ ދެމެހެއްޓެނިވި ތަރައްޤީގެ ނަމޫނާއަކަށް ވެގެންދާނެއެވެ. މިހާރުވެސް ބާރު ދުވެލީގައި މަސައްކަތް ކުރިއަށްދާއިރު، އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް މި މަޝްރޫޢުގެ ފައިދާ ރާއްޖެއަށް ލިބެން ފެށުމެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *