ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގައި ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި މިއަދު ފަށައިފިއެވެ.
ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު ސަރުކާރުގެ 218 އެއްހާ ސްކޫލްގައި 77000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން ދާނެއެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ގްރޭޑް 1 އަށް ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ވައްދާފައެވެ.
އެގޮތުން ގްރޭޑް 1 އަށް ވަނުމަށްޓަކައި 4790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަ ދީފައިވާއިރު، މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 1748 ދަރިވަރުން ވައްދާފައިވެއެވެ. އަދި އަތޮޅުތެރޭގެ ސްކޫލްތަކުންވެސް ގްރޭޑް 1 އަށް 3042 ދަރިވަރަކަށް ވަނީ ޖާގަ ދީފައެވެ.
އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް މިއަހަރު 1530 ދަރިވަރަކު ބަދަލުވުމަށް އެދުނެވެ. އޭގެ އިތުރުން މާލެއިން ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރުންވެސް ވަނީ ބަދަލުވެފައެވެ. ދިރާސީ އަހަރުގެ ކިޔެވުން ފެށިއިރު ދަރިވަރުންނަށް އުނގަންނައިދިނުމަށް ސަރުކާރުގެ ސްކޫލްތަކުގައި 10500 މުދައްރިސުން ހަރަކާތްތެރިވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 8000 ދިވެހި މުދައްރިސުންނާއި ބިދޭސީ 2500 މުދައްރިސުންނެވެ.
މިއަދު ކިޔެވުން ފެށިއިރު، މާލެ ސަރަހައްދުގައި ވަނީ އާ އެއް ސްކޫލެއްގައި ކިޔެވުން ފަށައިފައެވެ. އެއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތް ކުރި ޝަހީ އަލީ ސްކޫލެވެ. އެ ސްކޫލްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ދެ ދަންފަޅިއަށެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ދަރިވަރުންނަށް ބޭނުންވާ ޓެކްސް ފޮތްތައް ސްކޫލުތަކަށް ފޮނުވުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ. އަދި ސްކޫލްތަކަށް ބޭނުންވާ ޓީވަރުން ވެސް ވަނީ ހަމަކޮށްފައެވެ.


