ފުލުހުން ހާމަކުރި ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހަކީ ސްކޭމްކޮށްގެން ހޯދި ފައިސާ އެމީހުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވާ މީހުންނެވެ. މީގެ އިތުރުން، އެކަކު ވަނީ އެ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް މުދާ ގަނެފައެވެ. އަދި ބާކީ ތިބި ތިން މީހުންނަކީ އެކި މީހުން އޭޓީއެމްތަކަށް ގެންގޮސްގެން ފައިސާ ނެގުމަށްފަހު އެ ފައިސާއާ ހަވާލުވި މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ލ. އިސްދޫ، މުޙައްމަދު ޙަސަން (59އ)، އައްޑޫ ހިތަދޫ، ޢަލީ ޢިރުފާނު އަޙްމަދުދީދީ (26އ)، ޢަލީ ޝިރާޒު (38އ)، ހދ. ވައިކަރަދޫ، ޢަބްދުﷲ ނާފިޒް (39އ)، ގއ. ކަނޑުހުޅުދޫ، މުޙައްމަދު ޢަލީ (42އ)، މާލޭގެ، މުޙައްމަދު ނުހާދު ޢަލީ (30އ)، ހއ. ކެލާ، މުޙައްމަދު ސިމާދު (38އ)، ގދ. ފިޔޯރީ، އަލީ އިމްރާން (38އ)، ތިނަދޫ ސިޓީ، ޢަބްދުﷲ އިސްރާޤް (19އ) އަދި ކ. ހިންމަފުށި، މުޙައްމަދު އިބްރާހީމް (49އ) ހިމެނެއެވެ.
މި 10 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކުށުގެ ތުހުމަތަށް ބަލައި އެކި މުއްދަތުތަކަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އެގޮތުން ހަ މީހަކު 15 ދުވަހަށް ބަންދުކުރިއިރު، އެހެން މީހުން ވަނީ 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް ބަންދުކޮށްފައެވެ. މި މައްސަލަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


