ފިލިޕީންސްގެ ދެކުނު އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދަށް 350 އަށްވުރެ ގިނަ ފަސިންޖަރުންނާއި ފަޅުވެރިންނާއެކު ދަތުރުކުރި ފެރީއެއް ބަންޑުންޖަހާލައި، 15 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގި ވަގުތުން ފެށިގެން ސަލާމަތްކުރާ ފަރާތްތަކުން ކުރި މަސައްކަތުން 'އެމްވީ ޓްރިޝާ ކާސްޓިން 3′ އިން ދަތުރުކުރި 316 މީހަކު ސަލާމަތްކޮށްފައިވާއިރު، އަދިވެސް 28 މީހަކު ފެނިފައެއް ނުވެއެވެ.
މުދަލާއި ފަސިންޖަރުން އުފުލާ މި އުޅަނދު ދަތުރުކުރަމުން ދިޔައީ ފިލިޕީންސްގެ ދެކުނުގެ މައި ރަށް ކަމަށްވާ މިންޑަނާއޯ އިން ހުޅަނގު ދެކުނުގައި އޮންނަ ޖޯލޯ ރަށަށެވެ. މި އުޅަނދުން އެހީއަށް އެދި ގޮވާލާފައިވަނީ ހޯމަ ދުވަހުގެ ފަތިހު 1:50 ހާއިރު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފިލިޕީންސްގެ ކޯސްޓްގާޑުގެ ތަރުޖަމާނު ނޯމީ ކަޔާބްޔާބް ވިދާޅުވި ގޮތުގައި، ހާދިސާއިން ސަލާމަތްވި ބައެއް މީހުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ވަގުތަކީ އެ ސަރަހައްދުގެ ކަނޑުގަދަ ވަގުތެކެވެ. ބާސިލަންގެ ގަވަރުނަރު މުޖީބު ހާތަމަން ފޭސްބުކްގައި ހިއްސާކުރެއްވި ވީޑިއޯއަކުން ފެންނަ ގޮތުގައި، ސަލާމަތްވި މީހުން ބޯޓުން ބާލާފައިވަނީ ފިންޏާއި ތެތްކަމުން ސަލާމަތްވުމަށް ކަވަރުތަކެއްގައި އޮޅާލައިގެންނެވެ.
ބާސިލަންގެ އިމަޖެންސީ ރެސްޕޮންޑަރެއް ކަމަށްވާ ރޮނާލިން ޕެރޭޒް އޭއެފްޕީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ސަލާމަތްކުރެވުނު މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަންނަ ބަލިމީހުންގެ އަދަދު ގިނަވުން. އަޅުގަނޑުމެންގެ ސްޓާފުން މިވަގުތު މަދު،" ޕެރޭޒް ވިދާޅުވިއެވެ.
7،100 އަށްވުރެ ގިނަ ރަށްތަކުގެ މައްޗަށް އެކުލެވޭ ފިލިޕީންސްއަކީ ކަނޑުމަތީގެ މިފަދަ ހާދިސާތައް ގިނައިން ހިނގާ ގައުމެކެވެ. މީގެ ކުރިން ހިނގާފައިވާ ހާދިސާތަކުގެ ސަބަބެއް ކަމަށް ބެލެވެނީ އުޅަނދުތައް ރަނގަޅަށް މަރާމާތު ނުކުރުމާއި، އުފުލޭ މިންވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ބަރުކުރުމެވެ. ނަމަވެސް، އަގު ހެޔޮވުމުގެ ސަބަބުން ގިނަ ބަޔަކު އަދިވެސް ދަތުރުފަތުރު ކުރުމަށް ބޭނުންކުރަނީ ފެރީއެވެ.
މިދިޔަ އަހަރުގެ މެއި މަހުވެސް ފެރީއެއްގައި އަލިފާން ރޯވެ 28 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނެއެވެ. އަދި އޭގެ ކުރީ އަހަރުވެސް ހައި-ސްޕީޑް ފެރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތް މީހުން މަރުވެފައިވެއެވެ. މިހާރު ހިނގި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.


