އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. އީސީން ރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ކުރިމަތިލުމަށް ޖުމްލަ 1،010 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ.
ހުށަހެޅި ފޯމުތަކުގެ ތެރެއިން މިހާތަނަށް ޝަރުތު ހަމަވެފައިވަނީ 750 ފަރާތެއްގެ ފޯމެވެ. ބާކީ ހުރި ފޯމުތަކުގެ ތެރެއިން 77 ފަރާތަކުން ޝަރުތު ހަމަނުވާތީ އަލުން ފޯމު ހުށަހަޅާފައިވާ ކަމަށް އީސީން މައުލޫމާތުދެއެވެ. ޝަރުތު ހަމަވި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުން ކުރިމަތިލީ 617 މީހުންނާއި، އަމިއްލަ ގޮތުން ވާދަކުރާ 133 މީހުންނެވެ.
ކައުންސިލް އިންތިހާބުގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލުމަށްވެސް ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން އެ ކޮމިޓީތަކަށް 734 ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 574 ފޯމެވެ. މީގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުގެ 488 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ކުރިމަތިލީ 86 ކެންޑިޑޭޓުންނެވެ.
މިފަހަރުގެ އިންތިހާބުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ޖުމްލަ 629 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 އެވެ.


