މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު އެއްކޮށް ނިންމާލައިފިއެވެ. މި މަޝްރޫއު ނިމިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ރޭ ބޭއްވި ޕީއެންސީގެ ކެމްޕެއިން ހަރަކާތެއްގައެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 47 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
ކުރީގެ ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު 698 މީހުންގެ ގުރުއަތުލުން މި ފަހުން ވަނީ ބާއްވާފައެވެ. މީގެ އިތުރުން، މި ސަރުކާރުން ވެސް ވަނީ އަލަށް ހިއްކި މި ސަރަހައްދުން 1,351 ގޯތި ދޫކުރުމަށް ނިންމާފައެވެ. ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ސަރުކާރުން ވަނީ ބޮސްކާލިސްގެ ޒަމާނީ ޑްރެޖަރެއް ރާއްޖެ ގެނެސް، ދެ ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތުގެ ސްޕީޑު ބާރުކޮށްފައެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އެ ސަރަހައްދު ހިއްކުމަށްޓަކައި ދެ ޑްރެޖަރު މިހާރު އޮތީ ތައްޔާރީ ހާލަތުގައި ކަމަށާއި، އެތަން ހިއްކާ ނިމުމުން ގޯތިތައް އަވަހަށް ހަވާލުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އުތުރުތިލަފަޅު ހިއްކުމުގެ ތައްޔާރީތައް ވެސް މިހާރު ދަނީ ކުރިއަށެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ ތެރޭގައި އެ ފަޅު އެއްކޮށް ހިއްކައި ނިންމާލެވޭނެ ކަމަށެވެ. އަދި އެ މުއްދަތާ ހަމައަށް ދާއިރު އެ ސަރަހައްދުން ގޯތި ލިބޭނެ ފަރާތްތައް ކަނޑައަޅައި ނިމޭނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.


