ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމުތައް މެނުއަލްކޮށް ބަލައިގަންނަން ފެށުމަށް އިދިކޮޅު އެމްޑީޕީން މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ގޮވާލައިފިއެވެ. އެ ޕާޓީން މިކަމަށް ގޮވާލާފައިވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގައި ގިނަ ގޮންޖެހުންތަކަކާއި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެއެވެ.
އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބާ ގުޅޭގޮތުން އެމްޑީޕީން ކަނޑައަޅާފައިވާ ތަރުޖަމާނު، އަބްދުﷲ ވަހީދު ވިދާޅުވީ، އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ލިބިފައިވަނީ ވަރަށް ކުރު މުއްދަތެއް ކަމަށެވެ. ކުރީގެ އިންތިހާބުތަކުގައި 45 ދުވަހުގެ މުއްދަތެއް ލިބުނު ނަމަވެސް، މިފަހަރު ލިބިފައިވަނީ އެންމެ 14 ދުވަސް ކަމަށާއި، އަންނަ އާދިއްތަ ދުވަހުގެ ކުރިން ގިނަ އަދަދެއްގެ ކެންޑިޑޭޓުން ފޯމު ހުށަހަޅަން ޖެހޭއިރު ވަގުތުގެ ދަތިކަން ބޮޑުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޮންލައިން ޕޯޓަލްގެ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ވަހީދު ވިދާޅުވީ، އައިޑީކާޑު ސާފުނުވުން ފަދަ ކުދިކުދި ސަބަބުތަކާ ހުރެ ފޯމުތައް ރިޖެކްޓްވަމުންދާ ކަމަށެވެ. އަދި ރިޖެކްޓްވާ ފޯމުތަކަށް ޖަވާބު ދިނުމަށް އީސީން ފަސް ދުވަހުގެ މުއްދަތެއް ނަގާތީ، ކެންޑިޑޭޓުންގެ ގިނަ ވަގުތުތަކެއް ގެއްލި، އިންތިހާބުގައި ވާދަކުރުމުގެ ހައްގަށް އުނިކަން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އިންތިހާބީ ތާރީޚުގައި މީގެ ކުރިން ފޯމުތައް ބަލައިގަންނަމުން އައީ ހަމައެކަނި މެނުއަލްކޮށް ކަމަށްވާއިރު، މިއީ އޮންލައިންކޮށް ފޯމު ބަލައިގަންނަ ފުރަތަމަ ފަހަރެވެ. އީސީން ކަނޑައަޅާފައިވާ ގޮތުން ޕޯޓަލް މެދުވެރިކޮށް ފޯމު ބަލައިގަންނަނީ ރަސްމީ ދުވަސްތަކާއި ހޮނިހިރު ދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 3:30 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:30 އިން އިރުއޮއްސި 6:00 އަށެވެ.


