މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ހަތަރު ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މިދިޔަ އަންގާރަ ދުވަހުއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސިޕޮން އަލީ (21އ)، ޖުވެލް ރަނާ (32އ)، އެމްޑީ ނަޒްރުލް އިސްލާމް (20އ) އަދި އެމްޑީ އިބްރާހީމް (22އ) އެވެ. މި މީހުން ދިރިއުޅެމުންދިޔަ މާފަންނުގެ ގެއެއް ބަލައި ފާސްކުރިއިރު، އެ ތަނުން 54 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން އިތުރަށް ބުނީ، ބަނގުރާ ފުޅިތަކުގެ އިތުރުން އެ މީހުން ބޭނުންކުރި ސައިކަލެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޓޯކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި ހަތަރު މީހުން ވެސް ރާއްޖެއިން ފޮނުވާލުމަށްޓަކައި (ޑީޕޯޓު ކުރުމަށް) މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


