Tuesday, 28 July 2026

ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ބެހުމުގެ ތައްޔާރީތައް ފަށައިފި

މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ދިނުމަށް ނިންމާފައިވާ ރޯދަ ހަދިޔާ ނުވަތަ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އިން ބުނެފިއެވެ. މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް މި ހަރަކާތް ކުރިއަށް ގެންދާނީ ލޯކަލް މިނިސްޓްރީ އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން، ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކުގައެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކަށް ފަސޭހަކަމާ އެކު މަސްދަޅު ކޭސްތައް ފޯރުކޮށްދިނުމަށްޓަކައި، މިހާރުވެސް އައްޑޫ ސިޓީ އާއި ކުޅުދުއްފުށީ ސިޓީގައި މަސްދަޅު ކޭހުގެ ސްޓޮކްތަކެއް ވަނީ ރައްކާކޮށްފައެވެ. މިއީ އަތޮޅުތަކަށް މުދާ ފޮނުވުމުގައި ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައި، އަވަސްކަމާ އެކު ރައްޔިތުންނަށް ހަދިޔާ ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.

މި މަޝްރޫއަށް ބޭނުންވާ މަސްދަޅު އުފެއްދުމުގެ މަސައްކަތް މިފްކޯއިން އަންނަނީ ހަލުވިކަމާ އެކު ކުރަމުންނެވެ. އެ ކުންފުނިން ބުނި ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ކޭހެއް ބެހުމަށް ޖުމްލަ 118,977 މަސްދަޅު ކޭސް ބޭނުންވާއިރު، އޭގެ ތެރެއިން 115,078 ކޭސް މިހާރު ވަނީ އުފައްދައި ނިންމާފައެވެ. ބާކީ ހުރި 3,899 ކޭސް އުފެއްދުމުގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ނިމިދިޔަ އަހަރުގެ ރޯދަ މަހުވެސް ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ގިނަ އަދަދެއްގެ މަސްދަޅު ކޭސް ބަހާފައެވެ. އެގޮތުން މިދިޔަ އަހަރު ޖުމްލަ 111,231 ކޭސް ބަހާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ގޭބިސީތަކަށް ދޫކުރި 50,519 ކޭހާއި އަތޮޅުތަކުގެ ގޭބިސީތަކަށް ފޮނުވި 60,712 ކޭހެވެ. މިއަހަރު ބަހާ ކޭސްތަކުގެ އަދަދު މިދިޔަ އަހަރަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *