ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ދެމެދު ހަދާފައިވާ އެސްކްރޯ އެކައުންޓެއްގައި ހުރި އެއް މިލިއަން ޑޮލަރު ހޯދުމަށް ކުރާ ދައުވާގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ އަޑުއެހުންތައް ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމާލައިފިއެވެ. މި މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން ނިންމާލާފައި ވަނިކޮށް އަލުން އަޑުއެހުމެއް ބާއްވަން ޖެހުނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައުމާ ގުޅިގެންނެވެ.
މި މައްސަލައިގެ އަސްލަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަށް 2018 ވަނަ އަހަރު ޔާމީންގެ އެކައުންޓުން ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަކަށް ބަދަލުކުރި އެއް މިލިއަން ޑޮލަރެވެ. އެ ފައިސާ ދޫނުކުރާތީ ޔާމީންގެ ފަރާތްޕުޅުން ބޭންކާއި އޭސީސީއާ ދެކޮޅަށް ދައުވާ ކުރެއްވުމުން، ބޭންކުން ވަނީ އެއީ އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާތީ ދައުވާ ނުކުރެވޭނެ ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ނަގާފައެވެ. ނަމަވެސް ސިވިލް ކޯޓުން އެ ނުކުތާ ބަލައިނުގަތުމުން ބޭންކުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރީއެވެ.
ހައި ކޯޓުގައި ބޭންކުގެ ވަކީލުން ވިދާޅުވީ އެސްކްރޯ އެއްބަސްވުމަކީ ޔާމީނާއި އޭސީސީއާ ދެމެދު އޮތް އެއްބަސްވުމެއް ކަމަށާއި، ބޭންކަކީ ހަމައެކަނި ފައިސާ ބަހައްޓާ ތަން ކަމަށެވެ. އެހެންކަމުން، ކޮންޓްރެކްޓެއްގައި ނުހިމެނޭ ފަރާތަކާ ދެކޮޅަށް އެ ކޮންޓްރެކްޓާ ގުޅިގެން ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުން ވަކާލާތު ކުރެއެވެ. އަދި ފައިސާ ހޯދަން އެންމެ ފުރަތަމަ ދައުވާ ކުރަން ޖެހޭނީ އޭސީސީގެ މައްޗަށް ކަމަށްވެސް ބޭންކުން ފާހަގަކުރިއެވެ.
މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި މިހާރު އިންނަވަނީ ފަނޑިޔާރު އަބްދުﷲ ޖަމީލެވެ. ދެން ތިއްބަވަނީ ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ. މިދިޔަ އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު، މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާތީ، ދެން އޮންނާނީ މި މައްސަލައިގައި ހައި ކޯޓުން ގޮތެއް ނިންމައި ހުކުމް އިއްވުމެވެ.


