މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުމާއި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ހާއްސަ ފަރުވާ ދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފްލޫ ކްލިނިކެއް މިއަދު ހުޅުވައިފި އެވެ. މި ކްލިނިކަކީ ބަލިމީހުންނަށް އަވަސް ފަރުވާ ފޯރުކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރި ތަނެކެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި، އަލަށް ހުޅުވި މި ކްލިނިކުން ހުމާއި އަރިދަފުސް ރޯގާގެ އަލާމާތްތައް ހުންނަ މީހުން ބަލައި ފަރުވާ ދިނުމުގެ އިތުރުން، ބައްޔަށް ބޭނުންވާ ލޭގެ ސާމްޕަލް ނެގުމުގެ ހިދުމަތް ވެސް ކުރިއަށްދާނެ އެވެ. މިއީ ހޮސްޕިޓަލަށް ބާރުބޮޑުވުން ކުޑަކޮށް، ރޯގާ ޖެހިގެން އަންނަ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޅި ފިޔަވަޅެކެވެ.
ފްލޫ ކްލިނިކުން ހިދުމަތް ހޯދުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން، ބަލިމީހުން ފުރަތަމަ ދާން ޖެހޭނީ ހޮސްޕިޓަލުގެ އީއާރު ޓްރައޭޖަށެވެ. ކިއުބީ ޓޯކެން ސިސްޓަމް މެދުވެރިކޮށް ނަމްބަރު ނެގުމުން، ބަލިމީހާގެ ހާލަތަށް ބަލައި ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް ޓްރައޭޖުން އިރުޝާދު ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ. މި ކްލިނިކް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް މި ދުވަސްވަރު ރޯގާ ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.


