މި ފަހަރުގެ އުސޫލުގެ ދަށުން ފްލެޓަށް އެދި ހުށަހެޅުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ކުރީގެ ސްކީމްތަކުން އެއް ކޮޓަރި ނުވަތަ ދެ ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު ތިން ކޮޓަރީގެ ފްލެޓަށް އެދުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.
ގޯތި ދޫކުރުމުގެ ބައިގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި ހާއްސަކޮށްފައިވާއިރު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ވަނީ ކަނޑައަޅާފައެވެ. އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން ތަރައްގީކުރަން ދަތިވާ ބިންތަކުގެ ވެރިންނާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ހާއްސަކޮށްފައިވެއެވެ. އުސޫލުގައިވާ ގޮތުން ކޮންމެ މީހަކަށްވެސް ކުރިމަތިލެވޭނީ ގޯތި ނުވަތަ ފްލެޓް، މިއިން ކޮންމެވެސް އެއް ސްކީމެއްގެ އެއް ކެޓަގަރީއަށެވެ.
މި ސްކީމްތަކަށް ކުރިމަތިލެވޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށެވެ. ސަރުކާރުން ބުނި ގޮތުގައި ބޯހިޔާވަހިކަން ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އެމީހެއްގެ އާމްދަނީއަށާއި ދިރިއުޅުމުގެ ހާލަތަށެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ އޭޕްރީލް މަހުގެ ނިޔަލަށެވެ.


