Tuesday, 28 July 2026
'ކާރޓަން ރެއިޒަރ' އިވެންޓް

އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026 ގެ 'ކާރޓަން ރެއިޒަރ' އިވެންޓް މާލޭގައި ބާއްވައިފި

އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ "އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026″ އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ 'ކާރޓަން ރެއިޒަރ' އިވެންޓް، ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު މާލޭގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ޕޮލިސީ މޭކަރުންނާއި، ޓެކްނޮލޮޖީ މާހިރުންގެ އިތުރުން ވިޔަފާރިވެރިންނާއި މީޑިއާގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އިވެންޓުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޑރ. މުޙައްމަދު ކިނާނަތު އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ކިނާނަތު ވިދާޅުވީ، އޭއައި ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ މަސައްކަތު ގްރޫޕްތަކުގެ ބައްދަލުވުންތަކުގައި ރާއްޖެއިން އަމަލީގޮތުން ބައިވެރިވަމުންދާ ކަމަށެވެ. އަދި އޭއައިގެ ދާއިރާއިން ސަރަހައްދީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ޑިޖިޓަލް ކުރިމަގަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، "އޭއައި ރެޑިނަސް އެސެސްމަންޓް މެތޮޑޮލޮޖީ" އާއި "ނޭޝަނަލް ޑިޖިޓަލް ޓްރާންސްފޯމޭޝަން ވިޜަން – މޯލްޑިވްސް 2.0″ ގެ ތަފްސީލު މިނިސްޓަރު ހިއްސާކުރެއްވިއެވެ. މިއީ ރާއްޖޭގައި އޭއައި ބޭނުންކުރުމަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށާއި ޑިޖިޓަލް ދާއިރާ ކުރިއެރުވުމަށް އެކުލަވާލާފައިވާ މުހިންމު ސިޔާސަތުތަކެކެވެ.

އިންޑިއާގެ ހައިކޮމިޝަނަރުގެ ވާހަކަފުޅުގައި، ވެރިކަން ހިންގުމާއި، ސިއްހީ ދާއިރާއާއި، ތައުލީމާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އޭއައި ބޭނުންކުރެވިދާނެ ގޮތްތަކުގެ މައްޗަށް ވާހަކަދެއްކެވިއެވެ. އަދި އިންޑިއާއާއި ރާއްޖެއާ ދެމެދު ޓެކްނޮލޮޖީގެ ދާއިރާއިން އޮތް ބަދަހި ގުޅުން ފާހަގަކުރައްވައި، ޔޫޕީއައި އަދި ރޫޕޭ ފަދަ ފިންޓެކް ވަސީލަތްތަކުގައި ދެ ގައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރެއްވިއެވެ.

އަންނަ ފެބްރުއަރީ 16 އިން 20 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026″ އަކީ ޒިންމާދާރު އަދި އަޚްލާގީ މިންގަނޑުތަކުގެ ތެރެއިން އޭއައި ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވާ ބައިނަލްއަގުވާމީ ބައްދަލުވުމެކެވެ. މިއަދުގެ އިވެންޓަށްފަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ އެކި ފަރާތްތަކުން މި ސަމިޓުގައި ބައިވެރިވުމަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައިވާކަން ހައިކޮމިޝަނުން ފާހަގަކުރިއެވެ.

އިންޑިއާ ހައިކޮމިޝަނުން ވަނީ މި އިވެންޓުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށް، ދެމެހެއްޓެނިވި ޑިޖިޓަލް ކުރިމަގަކަށްޓަކައި ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *