ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޭ އިޖުތިމާއީ އެހީތެރިކަމުގެ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގައި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ހެލްޕް ޑެސްކެއް މިއަދު ހުޅުވައިފިއެވެ.
ހެންވޭރު ފެރީ ޓާމިނަލްގެ ގްރައުންޑް ފްލޯގައި ގާއިމުކޮށްފައިވާ މި ހެލްޕް ޑެސްކުގެ މައިގަނޑު މަގްސަދަކީ ސަރުކާރުގެ ޑިޖިޓަލް އެޕްލިކޭޝަން ނިޒާމު، ހާއްސަކޮށް 'ވަންގަވް' ޕްލެޓްފޯމް މެދުވެރިކޮށް ފޯމު ހުށަހެޅުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ.
މި ހިދުމަތް ފަށާފައިވަނީ އާސަންދަ ސްކީމްގެ ދަށުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ތެރަޕީގެ ހިދުމަތްތަކާއި މާލީ އިނާޔަތްތައް މި މަހުން ފެށިގެން ދިނުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
މި ހެލްޕް ޑެސްކު ހުޅުވިފައި ހުންނާނީ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް (ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި) ހެނދުނު 8:30 އިން ހަވީރު 4:00 އަށެވެ. މި ތަނުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތާއި، އެކަނިވެރި މައިންބަފައިންނާއި ފޮސްޓާ ފެމިލީތަކަށް ދޭ އެހީގެ އިތުރުން، ކާބޯތަކެތީގެ އެހީއާއި، ތެރަޕިއުޓިކް ހިދުމަތްތަކާއި، ތެލެސީމިއާ ފަރުވާ އަދި އައި.ވީ.އެފް އެހީއާ ގުޅޭ ފޯމުތައް ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އެންސްޕާގެ މުވައްޒަފުން ފޯމު ފުރުމާއި، ހުށަހެޅުމާއި، އަދި ހުށަހަޅާފައިވާ ފޯމުތަކުގެ ސްޓޭޓަސް ބެލުމުގައި އާންމުންނަށް އެހީތެރިވާނެއެވެ. މީގެ އިތުރުން 'އީ-ފާސް' ފަދަ ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރުމުގައި ދިމާވާ މައްސަލަތަކަށްވެސް މި ހެލްޕް ޑެސްކުން ހައްލު ހޯދައިދޭނެއެވެ.
އެންސްޕާއިން ބުނި ގޮތުގައި މި ހެލްޕް ޑެސްކުގެ ސަބަބުން، އިޖުތިމާއީ ރައްކާތެރިކަމުގެ މުހިންމު ހިދުމަތްތަކަށް އެދި ހުށަހެޅުމުގައި އާންމުންނަށް ލުއިފަސޭހަވެ، އެހީތެރިކަން ލިބޭނެ މާހައުލެއް ގާއިމުވެގެންދާނެއެވެ.


