Tuesday, 28 July 2026
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލް - ސައުއްވީސް

އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޑރ. ޚަލީލް ބައިވެރިވެވަޑައިގެންފި

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި މިހާރު ކުރިއަށްދާ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް (އޭޑީއެސްޑަބްލިއު) ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ވަނީ ދެމެހެއްޓެނިވި ތަރައްގީއަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރާ ފަރާތްތަކަށް ދޭ ޝަރަފުވެރި ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އެވޯޑްތައް ހަވާލުކޮށްފައެވެ.

މި އަހަރުގެ އެވޯޑް ހަފްލާގައި ރާއްޖޭގެ ފާފު އަތޮޅު ތައުލީމީ މަރުކަޒަށް ވަނީ ގްލޯބަލް ހައިސްކޫލް ކެޓަގަރީން ދެކުނު އޭޝިއާ ސަރަހައްދުގެ އެވޯޑް ލިބިފައެވެ. މިއީ ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެކެވެ. މި އެވޯޑް އެ ސްކޫލަށް ލިބުނީ އިރުގެ ހަކަތައާއި ވައިގެ ހަކަތަ ބޭނުންކުރުމާއި، ވާރޭފެން ރައްކާކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އިތުރުން ހައިޑްރޯޕޮނިކްސް ބޭނުންކޮށްގެން ކާނާގެ ރައްކާތެރިކަމާއި ތިމާވެށި ހިމާޔަތްކުރުމަށް ދަރިވަރުން އިސްނަގައިގެން ހިންގި މަޝްރޫއުގެ ސަބަބުންނެވެ.

މި ކާމިޔާބީއާ ގުޅިގެން މިނިސްޓަރު ޑރ. ޚަލީލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފާފު އަތޮޅު ތައުލީމީ މަރުކަޒުން ހޯދި މި ފަހުރުވެރި ކާމިޔާބީގެ މަންޒަރު ބައްލަވާލެއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކްގައި ރާއްޖެއިން ބައިވެރިވުމަކީ ތިމާވެށި ހިމާޔަތްކުރުމަށާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި، ތައުލީމީ ދާއިރާ މެދުވެރިކޮށް އައު އީޖާދުތައް ތައާރަފުކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޑރ. ޚަލީލްގެ އަރިހުގައި ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފާއި، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ އަދި އެސިސްޓަންޓް ޑައިރެކްޓަރު ފާތިމަތު ރީނާ ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *