Tuesday, 28 July 2026
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ - ޕީޕަލްސް މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އިންޑިއާގެ ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ 28 ވަނަ ކޮންފަރެންސް (ސީއެސްޕީއޯސީ) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އާއި، މަޖިލީހުގެ ޗީފް އޮފް ބިއުރޯ އަހުމަދު ނިހާން ހުސައިން މަނިކުގެ އިތުރުން ސީނިއާ ފޮރިން ރިލޭޝަންސް އޮފިސަރު އައިޝަތު އީމާން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމަންވެލްތު ސްޕީކާސް އެންޑް ޕްރިސައިޑިން އޮފިސާސް ކޮންފަރެންސް (ސީއެސްޕީއޯސީ) އިން މައުލޫމާތު ދޭ ގޮތުގައި، މި ފަހަރުގެ ކޮންފަރެންސްގައި މުހިންމު ބައެއް ދާއިރާތަކަށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ސޯޝަލް މީޑިއާ ބޭނުންކުރުމާއި، މަޖިލީހުގެ މަސައްކަތްތަކާ މެދު އާންމުން ހޭލުންތެރިކުރުވުމާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން ހިމެނެއެވެ.

މީގެ އިތުރުން، މަޖިލިސް މެންބަރުންނާއި މަޖިލީހުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، ސިއްހީ ދުޅަހެޔޮކަމާ ގުޅޭގޮތުން ވެސް މި ކޮންފަރެންސްގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްފަހު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *