މި އަހަރުގެ ރިޔާސީ ބަޔާން އިއްވާ ދުވަސް ކަމަށްވާ ފެބްރުއަރީ މަހުގެ 6 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ ފެބްރުއަރީ 6 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އަށެވެ. ކޮންމެ އަހަރަކުވެސް މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަކީ ގާނޫނުއަސާސީން ލާޒިމްކުރާ ކަމެކެވެ.
ރިޔާސީ ބަޔާނަކީ ގައުމުގެ މިހާރުގެ ހާލަތާއި، ގައުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި ކުރިއަށް ރާވާފައިވާ މަޝްރޫއުތައް ބަޔާންކޮށްދޭ ބަޔާނެކެވެ. ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަގާފީ ގޮތުންވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އާންމުކޮށް ކަނޑައަޅާ ދުވަހެކެވެ.
ޕީއެންސީގެ އޮފީސް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި އަހަރުގެ ރިޔާސީ ބަޔާނުގައި ވަރަށް މުހިންމު ކަންތައްތަކެއް އިއުލާނު ކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.
މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވި ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އިހުތިޖާޖުކޮށްފައެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ނިޒާމު ގެއްލި، ނަން އިއްވި މެންބަރުން މަޖިލީހުން ނުކުތުމަށް 12 މިނެޓުގެ މެދުކެނޑުމެއް ގެންނަން ޖެހުނެވެ. އަދި ރިޔާސީ ބަޔާން އިއްވަމުން ދިޔަ ވަގުތު މަޖިލީހުން ބޭރުގައިވެސް މެންބަރުން ވަނީ މުޒާހަރާކޮށްފައެވެ.


