ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މި އޮޕަރޭޝަންގެ ދަށުން 2025 ޖަނަވަރީ 11 ވަނަ ދުވަހު ގއ. އަތޮޅާއި މާލޭ ސަރަހައްދުގައި ހިންގި ހަރަކާތްތަކުގައި 10 ތަނެއް ބަލައި ފާސްކޮށް، ހަތަރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލީގެ ހަތަރު ފިރިހެނުންނެވެ. އެއީ ޝައްފާޙް ލަޠީފް (28އ)، އަޙްމަދު މަދީޙު (33އ)، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި ނޫރުއްނިޡާމް (35އ) އެވެ. މީގެ ތެރެއިން ޝައްފާޙް، މަދީޙު އަދި އަނާމް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނޫރުއްނިޡާމްގެ ބަންދަށް ދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ.
ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، މި ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދެއެވެ. ފާއިތުވި ފަސް އަހަރުގެ ތެރޭގައި މި ނެޓްވޯކްގެ މެންބަރުންގެ އެކައުންޓުތަކުން 300 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި 4 ލައްކައަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލައާ ގުޅިގެން ޖުމްލަ 19 ފަރާތެއް ފުލުހުން ވަނީ ދެނެގަނެފައެވެ.
ހައްޔަރުކުރި މީހުންގެ ބޭންކް އެކައުންޓުތަކުގެ ތަފްސީލަށް ބަލާއިރު، އަޙްމަދު މަދީޙުގެ އެކައުންޓުތަކުން 17.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުވެފައިވާއިރު، އޭނާއަށް މުސާރައިގެ ގޮތުގައި ލިބިފައިވަނީ އެންމެ 4 ލައްކަ އެއްހާ ރުފިޔާއެވެ. އަދި އަޙްމަދު އަނާމް އިބްރާހީމްގެ އެކައުންޓުތަކުން 38.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުވެފައިވާއިރު، އޭނާގެ މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 2.7 ލައްކަ ރުފިޔާއެވެ. މީގެ އިތުރުން ޝައްފާޙް ލަޠީފްގެ އެކައުންޓުތަކުން 6.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދައުރުވެފައެވެ.
މި ނެޓްވޯކަކީ ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ފައިސާ ލޯންޑަރ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. ފުލުހުން ގެންދަނީ މި މައްސަލައިގައި ދެނެގަނެވުނު ހުރިހާ ފަރާތްތަކުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


