Tuesday, 28 July 2026
ރައީސް ޑޮނަލްޑް ޓްރަމްޕް - ބީބީސީ

އީރާނާއެކު ވިޔަފާރިކުރާ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެރިފެއް ނަގަން ޓްރަމްޕް ނިންމަވައިފި

އީރާނާއެކު އެއްވެސް ބާވަތެއްގެ ވިޔަފާރީގެ މުއާމަލާތެއް ހިންގާ ކޮންމެ ގައުމަކުން، އެމެރިކާއާއެކު ކުރާ ހުރިހާ ވިޔަފާރިއަކުން 25 އިންސައްތައިގެ ޓެރިފެއް ނަގަން ނިންމަވާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފިއެވެ. މި ނިންމެވުމަށް ވަގުތުން އަމަލުކުރަން ފަށާނެ ކަމަށްވެސް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ނެރުއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނާއެކު ވިޔަފާރީގެ ގުޅުންތައް ކުރިއަށްގެންދާ ކޮންމެ ގައުމަކަށްވެސް މި ޓެރިފް ކުރިމަތިވާނެ ކަމަށެވެ. "މިއަދުން ފެށިގެން، އީރާނާއެކު ވިޔަފާރިކުރާ ކޮންމެ ގައުމަކުން އެމެރިކާއާއެކު ކުރާ ކޮންމެ ވިޔަފާރިއަކުން 25 އިންސައްތައިގެ ޓެރިފެއް ދައްކަންޖެހޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.

ރައީސް ޓްރަމްޕް އިތުރަށް ހާމަކުރެއްވި ގޮތުގައި، މި އަދަބަކީ ވޮޝިންގޓަނާއެކު ބާއްވާ ހުރިހާ ވިޔަފާރީގެ ގުޅުންތަކަށް ހިނގާނެ ކަމެއް ކަމަށާއި، މިކަމުގައި އެއްވެސް ގައުމަކަށް އިސްތިސްނާއެއް ނުދެވޭނެއެވެ. މިއީ އެމެރިކާގެ ބާޒާރުތަކަށް މުދާ އެތެރެކުރުމުގެ ފުރުސަތު އޮންނާނީ އީރާނާއެކު ވިޔަފާރި ނުކުރާ ގައުމުތަކަށް އެކަނިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެކެވެ.

މި އިންޒާރު ތަކުރާރު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާއެކު މުއާމަލާތްކުރާ ގައުމުތަކުން އެމެރިކާއާއެކު ކުރާ ހުރިހާ ވިޔަފާރިއަކަށް މި ޓެރިފްގެ އަސަރު ކުރާނެ ކަމަށެވެ. މިއީ އީރާނަށް އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުއްވި އެންމެ ވަރުގަދަ އެއް ފިޔަވަޅެވެ.

މި ނިންމެވުމާއެކު ބައިނަލްއަގުވާމީ ވިޔަފާރީގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް އީރާނާއި އެމެރިކާއާއެކު އެއްފަހަރާ ވިޔަފާރިކުރާ ގައުމުތަކަށް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *