Tuesday, 28 July 2026
ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު - މޯލްޑިވްސް ރިޕަބްލިކް

ނަޝީދުގެ ވާހަކަފުޅުތަކަށް އީރާން އެމްބަސީން ރައްދު ދީފި

އީރާނުގެ ސަރުކާރަށް ތާއީދުކުރުމުގެ ބަދަލުގައި އެ ގައުމުގެ މުޒާހަރާގެ ބައިވެރިންނަށް މުސްލިމުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން އެއްބާރުލުން ދިނުމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް ރާއްޖޭގައި ހުންނަ އީރާނުގެ އެމްބަސީން ރައްދު ދީފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އީރާނުގެ ރައްޔިތުން މުޒާހަރާ ކުރަމުންދަނީ އެތައް އަހަރެއްގެ އަނިޔާވެރިކަމުން ސަލާމަތްވުމަށާއި، ދިރިއުޅުމުގެ އަގުބޮޑުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ކަމަށެވެ. އަދި "އަޅުގަނޑުމެންގެ މުސްލިމް އުޚުތުންނާއި އަޚުންނާއެކު" ސާބިތުވެ ތިބުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ވާހަކަފުޅުތަކާ ގުޅިގެން އީރާން އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2025 ވަނަ އަހަރުގެ ޖޫން މަހު 12 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ހަމަނުޖެހުންތަކަކީ "ޒަޔަނިސްޓް ރެޖީމުން" އީރާނުގެ ސިޓީތަކަށާއި އާންމުންނަށް އަމާޒުކޮށް ދިން އަސްކަރީ ހަމަލާތަކެއް ކަމަށެވެ. މި ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 1،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި، މިއީ އެމެރިކާގެ ސީދާ އެހީތެރިކަމާއެކު ދިން ހަމަލާތަކެއް ކަމަށް އެމްބަސީން ތުހުމަތުކުރެއެވެ.

މީގެ އިތުރުން، މޮސާޑާ ގުޅުންހުރި ފަރާތްތަކުން އީރާނުގެ ސިޓީތަކުގައި ޓެރަރިސްޓް އަމަލުތައް ހިންގާފައިވާ ކަމަށްވެސް އެމްބަސީން ބުނެފައިވެއެވެ. އެގޮތުން މިސްކިތްތަކުގައި ހުޅުޖެހުމާއި، ހޮސްޕިޓަލްތައް ސުންނާފަތިކުރުމާއި، މެޓްރޯ ސްޓޭޝަންތަކާއި ބޭންކުތަކަށް ގެއްލުންދީ އާންމުންނަށް ހަމަލާދީފައިވާ ކަމަށް އެމްބަސީގެ ބަޔާނުގައިވެއެވެ.

އީރާން އެމްބަސީގެ ބަޔާން ނިންމާލާފައިވަނީ، މިފަދަ ހާލަތެއްގައި ރައީސް ނަޝީދު ހުންނެވީ ކޮން ފަރާތެއްގައިތޯ ސުވާލު އުފައްދަމުންނެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *