ސްޕެއިންގެ ރަސްކަމުގެ ތަޚުތަށް 19 ވަނަ ގަރުނުގައި ރާނީ އިިޒަބެލާ II އިސްވެވަޑައިގަތް ފަހުން، ފުރަތަމަ ފަހަރަށް ރާނީއަކު އިސްވުމަށް އެ ގައުމުގެ ވަލީއަހުދު ޕްރިންސަސް ލިއޮނޯ ފުރިހަމައަށް ތައްޔާރުވެވަޑައިގަންނަވަމުން އެބަގެންދަވައެވެ. މިއީ ސްޕެއިންގެ ރަސްކަމުގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ ތާރީޚީ މުހިންމު ބަދަލެކެވެ.
އުމުރުފުޅުން 20 އަހަރުގެ ޕްރިންސަސް ލިއޮނޯއަކީ ރަސްގެފާނު ފެލިޕޭ VI އާއި ރާނީ ލެޓީޒިއާގެ ދޮށީ ދަރިކަނބަލުންނެވެ. 18 ވަނަ ގަރުނުގެ ކުރީކޮޅުން ފެށިގެން ސްޕެއިންގައި ރަސްކަން ކުރަމުން އަންނަ ބޯބަން ދަރިކޮޅުގެ މި ތަޚުތަށް ލިއޮނޯ އިސްވެވަޑައިގަންނަވާނީ ޒަމާނީ ސްޕެއިންގެ ރަސްކަމުގެ ނިޒާމުގެ ތެރެއިންނެވެ. ސްޕެއިންގެ ރަސްކަން އަލުން އިއާދަކުރެވުނީ 1975 ވަނަ އަހަރު ފްރެންކޯގެ ޚުދުމުޚުތާރު ވެރިކަމަށްފަހުގައެވެ.
ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން، މުސްތަގުބަލުގައި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްޓަކައި ލިއޮނޯ މިހާރު ގެންދަވަނީ ސްޕެއިންގެ އަސްކަރިއްޔާގެ ތިން ގޯޅީގައި ތަމްރީނުތައް ފުރިހަމަކުރައްވަމުންނެވެ. ވޭލްސްގައި އިންޓަނޭޝަނަލް ބެކަލޯރިއޭޓް ފުރިހަމަކުރެއްވުމަށްފަހު، 2023 ވަނަ އަހަރު ޒަރަގޯޒާގައި އެއްގަމު ސިފައިންގެ ތަމްރީނުތައް ފެއްޓެވިއެވެ. އަދި 2024 ވަނަ އަހަރު ކަނޑުގެ ސިފައިންގެ ތަމްރީނުތައް ފައްޓަވައި، ތަމްރީނު މަނަވަރު 'ޖުއާން ސެބަސްޓިއަން ޑި އެލްކާނޯ' ގައި 17,000 މޭލުގެ ދަތުރެއް ކުރައްވައި އެޓްލާންޓިކް ކަނޑާއި ދެކުނު އެމެރިކާ ހުރަސްކޮށް ނިއުޔޯކަށް ވަޑައިގެންފައިވެއެވެ.
މިހާރު ޕްރިންސަސް ލިއޮނޯ ތަމްރީނުތައް ކުރިއަށް ގެންދަވަނީ މުރްސިއާގައި ހުންނަ އެއަރ ފޯސް އެންޑް ސްޕޭސް އެކަޑަމީގައެވެ. އޭނާގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، މުރްސިއާ ސަރަހައްދުންދޭ އެންމެ މަތީ ޝަރަފު ކަމަށްވާ 'ގޯލްޑް މެޑަލް އޮފް ދަ ރީޖަން އޮފް މުރްސިއާ' އެކަމަނާއަށް އެރުވުމަށް ވަނީ ނިންމާފައެވެ.
މި ތާރީޚީ މަރުހަލާއަކީ ސްޕެއިންގެ ރަސްކަމުގެ ތަޚުތަށް ގަރުނަކަށްވުރެ ގިނަ ދުވަހަށްފަހު ރާނީއަކު އިސްވުމަށް ކުރެވޭ ތައްޔާރީތަކުގެ ތެރެއިން، ދައުލަތުގެ ކަންކަމުގައި ޕްރިންސަސް ލިއޮނޯގެ ދައުރު ބޮޑުވަމުންދާކަން ހާމަކޮށްދޭ މުހިންމު ކަމެކެވެ.


